English Edition
Dhivehi Edition

ތިލަފުށި ބޭރުގައި އޮތް “ސަން ޓޫނާ” ނަމަކަށް ކިޔާ އުފުލާ ބާޖުގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ،މިއަދު ހެނދުނު 07:50 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރމަނުން ވަނީ ބާޖު އޮތް ސަރަޙައްދަށް ގޮސް ރޯވެފައިވާ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފަށާފައެވެ.

އަދި އެފްއާރުއެސް ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 14:25 ހާއިރުކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ.

މި ހާދިސާގައި އަލިފާން ރޯވެފައިވަނީ ބާޖުގެ އިންޖީން ރޫމްގައެވެ. މި ބާޖަކީ މަސް ކިރާ އަދި ކަންނެލި މަސްވެރިކަން ކުރާ ދޯނި ފަހަރަށް އައިސް ދޫކުރުމަށް ހަދާފައިވާ 320 ފޫޓު ދިގު ބާޖެކެވެ.

މި ބާޖުގައި އަލިފާނުގެ ހާދިސާ ހިނގި އިރު 20 މީހުން ތިއްބެވެ. މި އެންމެންވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗަކަށް ވަނީ ނަގާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގެންދަނީ ތަހުޤީގު ކުރަމުން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.