ރާއްޖޭގެ މައްޝޫރު ފިލްމީތަރި އަލީ ސީޒަން ފިލްމީ ދާއިރާއިން ދުރަކަށް ނުދާނެކަމަށް އޭނަ ބުނެފިއެވެ.
ސީޒަން ބުނީ ފިލްމު ކުޅުން ހުއްޓާލާކަށް ހިތަކު ނެތް ކަމަށާއި ފިލްމީ ދާއިރާގެ ކޮންމެވެސް ހިސާބެއްގަ އިރާދަކުރެއްވިއްޔާ އަބަދުވެސް މަސައްކަތް ކުރާނެކަމުގައެވެ.ނަމަވެސް ކުރިޔަށް އޮތް ތަނުގައި ފިލްމު ކުޅޭނީ އަހަރަކު ފިލްމެއް ނޫނީ ދެ ފިލްމެއް ކަމަށާއި ކޮންމެ އަހަރަކުވެސް ވަކި ލިމިޓަކަށް ފިލްމު ކުޅެން ގަސްތުކޮށްފައިވާކަމަށް ސީޒަން ބުންޏެވެ.
ސީޒަން ފިލްމީދާއިރާޔަށް ނިކުމެފައިވަނީ 1997 ވަނަ އަހަރު ނެރުނު މާޒީ މި ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓާއެއްގެ ގޮތުގައެވެ. މިދާއިރާގައި އެއް އަހަރު ވަންދެން މަސައްކަތް ކުރަމުން ދިޔައީ ކެމެރާގެ ފުރަގަހުގައެވެ. އޭގެ ފަހުން ފިލްމީދާއިރާއަށް ޖެހުނު ލޯއްބެއްގެ ބޮޑުކަމުން ސީޒަން މި ދާއިރާއަށް ނުކުތީއެވެ. މިހާތަނަށް އައިއިރު އެތައް ތަރިންނާއއެކު އެތައް ފިލްމާއި ލަވަތަކުގައި ސީޒަންއަށް ހަރަކާތްތެރިވެފައިވެއެވެ. އެންމެ ފުރަތަމަ ސީޒަން ކުޅުނު ފިލްމަކީ “ދެހާސްވަނަ އުފަންދުވަސް”އެވެ.
ސީޒަން ވަނީ ބެލުންތެރިންގެ މެދުގައި މަގުބޫލުވެގެން ދިޔަ ފިލްމު ތަކުން މޮޅު އެކްޓިން ދައްކައި ބެލުންތެރިންގެ ހިތްތައް ކަތިލާފައެވެ. އޭނާ މިހާތަނަށް ކުޅެފައިވާ ފިލްމުތައް އިނގިލިން ގުނާނުލެވޭހާ ގިނައެވެ. އިތުރަށް ވާހަކަ ދައްކަމުން ސީޒަން ބުނީ، ފިލްމު ކުޅުން ލިމިޓް ކުރި ނަމަވެސް ފިލްމީ ދާއިރާއިން ދުރަށް ނުދާނެ ކަމަށާއި ފިލްމު ކުޅުން ހުއްޓާނުލާނެ ކަމަށެވެ. މިހާރު އޭނާ އަކީ ޑައިރެކްޓަރެއްގެ އިތުރުން ޕްރޮޑިއުސަރެއް ވެސް މެއެވެ.
ސީޒަން ކުޅެފައިވާ މަގުބޫލު ފިިލްމުތަކަށް ބަލައިލާއިރު “ހިތް ޔާރާ ދީފާ، “ކަރުނަވީ ބޭވަފާ”، “ޖިންނި”، “ހަނދުކޭތަ”، “މިހަށިން ފުރާނަ ދަންދެން”، “ދިންވޭނުގެ ހިތާމާގައި”، “މާފެއް ނެތް” އަދި “ނޯޓީ ފޯޓީ” ފަދަ ފިލްމުތައް ހިމެނެއެވެ. އަންނަ އަހަރަށް ލަސްވެފައި އޮތް ފިލްމު “ފޯޓީ ޕްލަސް”ގައި ވެސް ސީޒަން ފެންނާނެއެވެ