English Edition
Dhivehi Edition

ފީފާ ޕްރޮޖެކްޓްގެ ދަށުން ވިނަ ދަނޑުތައް އަޅާނެ ރަށްތައް ފުޓުބޯލް ފެޑަރޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިއުލާންކޮށްފިއެވެ. އެފްއޭއެމުން އާންމުކޮށްފައިވާ ރަށްތަކުގެ ތެރޭގައި އައްޑޫސިޓީގެ ފޭދޫ އަދި ހިތަދޫގެ އިތުރުން ހދ.ކުޅުދުއްފުށި، ށ.މިލަންދޫ، ބ.އޭދަފުށި، އއ.މާޅޮސް، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ، ތ.ތިމަރަފުށި، ޏ.ފުވައްމުލަށް، ހއ.މުރައިދޫ، ށ.ފޯކައިދޫ، ބ.ފެހެންދޫ، އދ.ފެންފުށި، ފ.ނިލަންދޫ، ގދ.ހޯޑެއްދޫ، ހއ.ދިއްދޫ، އަދި ރ.އަލިފުށި ހިމެނެއެވެ.

އެފްއޭއެމުން ބުނެފައިވަނނެޗުރަލް ގްރާސް (ގުދުރަތީ ވިނަ)އެޅުމުގެ މަސައްކަތް 20 ދަނޑެއްގައި މިހާރު ފަށާއިރު ކުރިއަށް އޮތް ދެ އަހަރު ނުވަތަ ތިން އަހަރު ތެރޭ ދަނޑުގެ އަދަދު 40، ނޫނީ 60 އަށް އިތުރު ކުރެވޭނެ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމާއެކު މި ރަށްތަކުގައި ދަނޑުތައް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފައެވެ.

އެފްއޭއެމްއިން ފީފާގެ ފުލީ ފަންޑެޑް ޕްރޮޖެކްޓެއްގެ ދަށުން މިހާރު ކުރިއަށް ގެންދަނީ އަހަރަކު ގުދުރަތީ ވިނައިގެ 20 ދަނޑު އެޅުމުގެ މަސައްކަތް ކަމަށާއި، އެފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމްވެގެން ދިއުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ކަމަށް އެފްއޭއެމުން ބުނެއެވެ

ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވާ، އެހެން ލެވެލްއަކަށް ގެންދިމުގެ ވިސްނުމުގައި ހިންގަން ހުރި މަސައްކަތްތަކުގެ މަގުޗާޓެއް އެފްއޭއެމް އިން ދާދިފަހުން އާއްމުކޮށްފައިވާއިރު، އެ ޕްލޭންގެ ތެރޭގައި އަތޮޅު ފުޓުބޯޅައިގެ ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ހިމަނާފައިވެއެވެ. އެގޮތުން ދިވެހި ޕްރިމިއާ ލީގަކީ މުޅި ރާއްޖޭގައި ކުޅެވޭނެ މުބާރާތަކަށް ހަދައި މާލޭގައި ކުޅޭ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށްވެސް އަތޮޅު ތެރޭގެ ޓީމުތަކާ ވާދަކުރަން ދަތުރުކޮށް، ހޯމް އެންޑް އަވޭ އުސޫލަކުން މެޗުތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ބުނެއެވެ

ރާއްޖެއިން މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލާލާފައިވާ އިރު، އެ ޓީމުގެ ގާތްގަނޑަކަށް 98 ޕަސެންޓް ކުޅުންތެރިންނަކީ އަތޮޅު ތެރޭގެ އެކިއެކި ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ.