އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައި ވާކަމަށް ނިންމާފައިވާ ނިންމުން ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ 12 މެމްބަރުންގެ މައްސަލާގައި މިހާތަނަށް އެއްވެސް އަޑުއެހުމެއް ބާއްވާފައި ނުވާ ހަތަރު މެމްބަރުންގެ ޝަރީއަތުގެ އަޑު އެހުންތައް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.
އެ ހަތަރު މެމްބަރުންނަކީ، ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އެވެ.
މުސްތަފާގެ ގޮނޑީގެ މައްސަލާގައި ޝަރީއަތުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައި ވަނީ ބުދަ ދުވަހުގެ މެންދުރު ފަހު 13:00 ގައެވެ. އަލީ ޝާހުގެ ގޮނޑީގެ މައްސަލަ ތާވަލް ކޮށްފައިވަނީ 14:00 އަށެވެ.
މުހައްމާގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައެވެ. ޝަހުދީގެ ގޮނޑީގެ މައްސަލަ ތާވަލް ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ 13:00 އަށެވެ.
12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއިރު، ސުޕްރީމް ކޯޓުން މީގެކުރިން ވަނީ ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައެވެ. އެ ހަތަރު މެމްބަރުންނަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފްއެވެ.