English Edition
Dhivehi Edition

މިއަހަރުގެ މެއި މަހު ވަރަށް ސިއްރުކޮށް ކުރެވުނު އަންގަދު ބޭޑީ އާއި ނެހާ ދޫޕިއާގެ ކައިވެނީގެ ހަބަރާއެކު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމަކެވެ. އޭގެ ދުވަސްކޮޅެއް ފަހުން ނެހާ އާއި އަންގަދު އަށް ދަރިއަކު ލިބެން އުޅޭ ވާހަކަ އިންސްޓަގްރާމްގެ ޒަރިއްޔާ އިން އިއުލާން ކުރުމާއެކު ގިނަ ބައެއްގެ ސަމާލުކަން މި ދެތަރިންނަށް ހުއްޓިގެން ދިޔައެވެ

ދެތަރިންވެސް ލިބެން އުޅޭ ދަރިފުޅަށް މަރުހަބާ ކިޔަމުންދާއިރު އަދިވެސް ނެހާ އަންނަނީ ފިލްމީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވިހާ ދުވަސް ކައިރިވެފައިވަނިކޮށް ނެހާ މަސައްކަތުގައި އުޅޭތަން ފެނުމުން ގިނަ ބަޔަކު އޭނާއަށް އަރާމުކުރުމަށް އިރުޝާދު ދެމުން އަންނައިރު ނެހާ ބުނެފައިވަނީ މަސައްކަތްކުރެވޭނެ ހިތްވަރެއް ހުރިއްޔާ އަބަދު އަރާމުކުރުމުގެ ބޭނުމެއް ނެތްކަމަށެވެ.”އަހަރެން ބައްޔެއް ނޫން.އެހެން ފުރާނައަށް މިދުނިޔެއަށް ގެނެއުމަށް އަހަރެން ހަމަ ފިޓް.އެހެންކަމުން މަސައްކަތެއް ނުކޮށް ބައްޔޭ ކިޔާފަ ގޭގައި ހުންނާކަށް ބޭނުމެއް ނޫން”ނެހާ ބުންޏެވެ

ލިބެން އުޅޭ ދަރިފުޅާއި ބެހޭ ގޮތުން ވާހަކަދައްކަމުން ނެހާ ބުނީ ކޮންމެ ކަހަލަ ކުއްޖަކު ލިބުނު ނަމަވެސް އޭނާއާއި އަންގަދު އަށް މައްސަލައެއް ނެތް ކަމަށެވެ. އެދެމީހުންނަކީވެސް ކުޅިވަރަށް ވަރަށް ލޯބިކުރާ ދެމީހުންކަން ފާހަގަކުރަމުން ނެހާ ބުނީ އެމީހުން ބޭނުންވަނީ ދަރިފުޅު އޮލިމްޕިކްގެ ކުޅިވަރު ހަރަކާތްތަކުގައި ހިމެނި ގައުމަށް ރީތިނަން ހޯދައިދޭ ކުއްޖަކަށްވުމަށްކަމަށެވެ. “އަހަރެންވެސް ވަރަށް ބޭނުންވި ކުޅިވަރުގެ ދާއިރާއިން ގައުމަށް ރީތި ނަމެއް ހޯދައިދޭން. އެކަމަކު އަހަންނަށް އެ ފުރުސަތު ނުލިބުން ބޭނުންވަނީ ދަރިފުޅު އެކަން ހާސިލްކުރަން”ނެހާ ބުންޏެވެ. މީގެ އިތުރުން ނެހާ ބުނީ ކޮންމެ ކަހަލަ ކުއްޖެއް ލިބުނު ނަމަވެސް ބޭނުންވަނީ ސިއްހަތު ރަގަޅު ކުއްޖެއްކަމަށެވެ.