ސިނަމާލެ ބްރިޖް ހެދި ކުނފުނިކަމަށްވާ ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ މުވައްޒަފުން، އެ ސަރަހައްދުން މިޔަރު ބޭނި ކަމަށް ބުނާ މައްސަލައެއް އެ ކުންފުނިން ތަހުގީގު ކުރަން ފަށައިފި އެވެ.
ސީސީސީސީ ގެ މުއައްޒަފުންތަކެއް ދިރިއުޅޭ ކުއާޓަރ ގެ ބޭރުގައި މިޔަރު އުރަހަތަކާއި އަދި މިޔަރުގެ ބައެއް ބައިތައް އަވީލާފައި ހުރި ފޮޓޯތަކެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އަދި މި ފޮޓޯތައް ޝެއާކުރަމުން އެތައްބަޔަކު ދަނީ މިމައްސަލަ ތަހުގީގު ކޮށްދިމުނަށް އެދި ސަރުކާރަށް ގޮވަމުންނެވެ.
މިމައްސލައާގުޅިގެން ސީސީސީސީ ގެ އޮޕަރޭޓިން މެނޭޖަރު ވަންގް ޗާއޯ ވަނީ މިއަދު ބަޔާނެއް ނެރުއްވާފައެވެ. އެބަޔާނުގައި ބުނެފައި ވާގޮތުން އެ މައްސަލަ މިހާރު އެ ކުންފުނިން ވަނީ ތަހުގީގު ކުރަން ފަށާފައެވެ.
“މި ކުންފުނީގެ ބައެއް މުވައްޒަފުން މިޔަރު ބާނާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ބަލައި މި އަންނަނީ ތަހުގީގު ކުރަމުން،މީގެ އިރުތުން މިހާރު ރާއްޖޭގެ ގާނޫނުތަކަށް އެ ކުންފުނީގެ މުވައްޒަފުން އަހުލުވެރި ކުރުމުގެ މަސައްކަތްތަކެއް ކުރިއަށްއެބަ ގެންދަން” ވަންގް ޗާއޯގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމަށް އެންމެންގެ ތައުރީފް ލިބޭއިރު އެ ރީތިކަމަށް ގެއްލުން ލިބިދާނެފަދަ އެއްވެސް ކަމެއް އެކުންފުނިން ބަލައިނުގަންނާނެ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
“މިޔަރު ބޭނުމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާ ކަމެއްކަން، ބްރިޖުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ވެސް މިހާރު އަޅުގަނޑުމެން ވާނީ އަންގާފައި. އަދި ރާއްޖޭގެ ގާނޫނުތަކަށް އަޅުގަނޑުމެންގެ މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ވާހަކަ ވެސް ދަންނަވަން،” ޗާއޯގެ ބަޔާނުގައިވެ އެވެ.
ދިވެހިރާއްޖޭގައި އެއްވެސް ވައްތަރެއްގެ މިޔަރުބާނާ އޭގެ ވިޔަފާރި ކުރުންވަނީ ގާނޫނީގޮތުން މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.