English Edition
Dhivehi Edition

ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ބާއްވާ ކުޑަކުދިންގެ ހަވީރެއް އޮކްޓޯބަރ 20 ވަނަ ދުވަހު ކުޑަކުދިންގެ ޕާރކްގައި ބޭއްވުމަށް ހަމަޖެހިފައި ވެއެވެ.

މިކުޑަކުދިންގެ ހަވީރަކީ ދުނިޔޭގެ ކާރިޘާތައް މަދުކުރުމާއި ގުޅޭ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރެޑް ކްރެސެންޓްގެ އައްޑޫ ބްރާންޗުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ހަވީރެކެވެ. އެގޮތުން މިހަވީރު ބޭއްވުމަށް ހަމަޖެހިފައި ވަނީ ހިތަދޫ ކުޑަކުދިންގެ ޕާރކްގައި އެވެ.

ހަވީރު 16:00 އިން 18:00 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ކޮންމެ އުމުރުފުރައަކަށް ވެސް ބައިވެރިވެވޭ ކުޅިވަރުތައް ހިމެނިފައިވެއެވެ. އެގޮތުން ކުޑަކުދިންނާއި ގުޅޭ ގިނަ ކުޅިވަރުތަކާއި މުހިއްމު މަޢުލޫމާތު ދެވޭނެ ވަރަށް ގިނަ ހަރަކާތްތައް ރޭވިފައި ވެއެވެ. އެހެންކަމުން ވީހާވެސް ގިނަ ބަޔަކު އާއިލާ އާއި އެކުގައި މި ހަވީރުގައި ބައިވެރިވުމަށް ރެޑްކްރެސެންޓް އިން އެދެއެވެ.

ރެޑްކްރެސެންތްގެ އިތުރުން މި ހަވީރުގައި ގިނަ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުން ވެސް ބައިވެރިވެއެވެ. މިކުޑަކުދިންގެ ހަވީރުގެ މަޤްސަދަކީ ކާރިޘާތަކުގައި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ ރޫޙެއް އާލާކުރުން ކަމުގައި ރެޑްކުރެސެންޓް އިން ބުނެއެވެ.

މީގެ ކުރިން ވެސް މިފަދަ ދުވަސްތަކާއި ގުޅިގެން ވަރަށް ގިނަ ހަރަކާތްތަކެއް ރެޑް ކްރެސެންޓްގެ އައްޑޫ ގޮފިން ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ދިވެހި ރެޑް ކްރެސެންޓަކީ ކާރިޘާތަކުގައި ވަރަށް ފުރިހަމައަށް ދަރުމައަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާއެކެވެ.