English Edition
Dhivehi Edition

ދ. އަތޮޅު ރިނބުދޫ ކައިރީ އަލަށް ހަދަމުންދާ “މާގާ” ނަމަކަށް ކިޔާ ރިސޯޓެއްގެ ބަދިގޭގައި ގޭސް ލީކްވުމުގެ ސަބަބުން ހިނގި އަލިފާނުގެ ހާދިސާއެއްގައި ބަޔަކަށް އަނިޔާވެއްޖެއެވެ .

.އަލަށް ހަދަމުންދާ މި ރިސޯރޓުގައި ހިނގި މި ހާދިސާގައި 8 ބިދޭސީއަކަށް ވަނީ ގޭހުން އެރި އާވީގެ ސަބަބުން ފިހިފައެވެ. މި ހާދިސާގައި ފިހުނު މީހުންނަށް ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އިތުރު ފަރުވާއަށް، މި މީހުން މާލެ ގެނައުމުގެ މަސައްކަތް ރިސޯޓުގެ ފަރާތުން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފްއިން ބުނީ މިހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:20 ހާއިރު ފ. ނިލަންދޫ ހޮސްޕިޓަލުންގެ ފަރާތުން އެމްއެންޑީއެފް އާއި ހިއްސާކޮށްފައިވާކަމަށެވެ

އެމްއެންޑީއެފްއިން ބުނީ މި ހާދިސާގެ ޙަބަރު ލިބުމާއެކު ފ.ނިލަންދޫގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަންގެ ޓީމެއް ވަނީ އެ ރިސޯރޓަށް ގޮސް ހާދިސާ ހިނގި ސަރަހައްދު ބަލާފައިކަމަށެވެ. މިހާތަނަށް ލިބިފައިވާ މާއުލޫމާތުގައި، މި ހާދިސާ ހިނގާފައިވަނީ އެ ރިސޯޓް ހުޅުވުމަށްޓަކައި ކުރަމުން ދިޔަ އިންސްޕެކްޝަނެއްގެ ތެރޭގައި ރިސޯޓްގެ މުވައްޒަފުންނަށް ހާއްސަކޮށްފައި ހުރި ބަދިގޭގައި ބަހައްޓާފައިވާ ރައިސް ކުކަރަކަށް ކަރަންޓު ދިނުމާއިއެކު، ބަދިގެތެރޭގައި ކައްކާ ގޭސް ލީކުވެފައި ހުރުމުން، ހުޅު ފަޅައިގެން ދިއުމުގެ ސަބަބުންނެވެ.

މި ހާދިސާގައި ބަދިގެއަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. ލިބިފައިވާ ގެއްލުންތަކުގެ ތެރޭގައި ބަދިގޭގައި ހުރި ބައެއް ސާމާނަށާއި ކުޑަ ދޮރުތަކުގައި ހުރި ބިއްލޫރިތައް ވަނީ ތަޅައިގެންގޮސްފައެވެ. މި ހާދިސާގައި ހުޅުފަޅައިގެން ދިއުމުގެ ސަބަބުން ޢިމާރާތަށް އަލިފާނުގެ އަސަރެއް ކޮށްފައެއް ނުވެއެވެ

މި މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.