English Edition
Dhivehi Edition
ހައުސިން މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރ އަބްދުﷲ ޒުހައިރު/ފޮޓޯ ޔާމީން އޭއޯނިއުސް

އައްޑޫ ސިޓީއިން ދޫކުރުމަށް ހަމަޖެހިފައިވާ 450 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު މެންދުރު 12 ޖެހުމާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.

އައްޑޫ ސިޓީއިން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް އެދުމުގެ ފުރުސަތު މީގެ ކުރިން ހުޅުވާލަފައިވަނީ މި ދިޔަ ބުރާސްފަތި ނިޔަލަށް ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ އެފުރުސަތު ، އާދީއްތަ ދުވަހުގެ މެންދުރު ބާރަޖެހުމާއި ހަމަޔަށް އިތުރުކޮށްފައެވެ. އަދި އެފުރުޞަތު އިތުރުކޮށްފައިވަނީ ވީހާވެސް ގިނަ ބަޔަކަށް ގޯއްޗަށް ކުރިމަތި ލުމުގެ ފުރުސަތު ދިނުމަށް ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ބިންތައް ދޫކުރާ ގުޅޭ ގޮތުން އައްޑޫސިޓީ ކައުންސިލުން ވަނީ މިއީ އައްޑޫގެ ލޭންޑް ޔޫޒް ޕްލޭނާއެއްގޮތަށް ކުރަމުން ގެންދާ މަސައްކަތެއް ނޫންކަމަށް ބުނެ ބިންތައް ދޫކުރުން މަޑު ޖައްސާލުމަށް އަންގާފައެވެ. ކައުންސިލުން ބުނެފައިވަނީ މި ބިންތައް ދޫކުރުމަށް މަސައްކަތްކުރަމުންގެންދަނީ ރިޔާސީ އިންތިޚާބު 2018 ގައި ޕީޕީއެމަށް ކެމްޕެއިންކޮށްދެއްވި ފަރާތްތަކަކަށް ބިން ދިނުމުގެ މަގުޞަދުގައި ކަމަށްބުނެ ގިނަޢަދަދެއްގެ ރައްޔިތުން ތުހުމަތު ކުރާ ކަމަށެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގައި އިންތިޚާބީ ރައީސްގެ ފަރާތުން މިފަދަ ކަންކަން މަޑުޖައްސާލުމަށް އަންގަވާފައިވަނިކޮށް އަވަސްއަރުވާލައިގެން މިފަދަކަމެއް ކުރަން އުޅުމަކީ ވަކިފަރާތަކަށް ނަޖާއިޒް މަންފާއެއް ހޯދައި ދިނުމުގެ މަޤްޞަދުގައި ކުރެވޭކަމެއްކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ކަމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ބުނެފައިވެއެވެ.

އައްޑޫސިޓީ ކައުންސިލްގެ މި ވާހަކަ ތަކަށް ރައްދު ދެއްވަވަމުން ހައުސިންގް މިނިސްޓްރީގެ އައްޑޫ ގޮފި ހިންގުމާ ހަވާލުވެ ހުންނެވި، އެގްޒެކެޓިވް ކޯޑިނޭޓަރ ޢަބްދުﷲ ޒުހައިރު ވިދާޅުވީ، އައްޑޫ ސިޓީން ޤަވާއިދާ ޚިލާފަށް ބިން ދޫކުރަމުން ނުދާ ކަމަށެވެ. އަދި މީގެ ކުރިން ދޫކޮށްފައިވާ ބިންތަކަކީ ކުރިން ބިންތައް ލިބި، އެބިންތައް ސަރުކާރަށް ނަގާފައިވާ މީހުންނަށް އޭގެބަދަލުގައި އެހެން ތަންތަނުން ދީފައިވާ ބިންތަކެއް ކަމަށެވެ.

އައްޑޫ ސިޓީއިން 450 ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން އިއުލާން ކޮއްފައި ވަނީ މިދިޔަ މަހުގެ މަހުގެ 13 ވަނަ ދުވަހުއެވެ. އެގޮތުން އެ ސިޓީގެ 4 ރަށަކުން ގޯތި ދޫކުރުމަށް ނިންމާފައިވާއިރު އެއީ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫންކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ ހުޅުދޫ އާއި މީދޫ، މި ދެރަށުންކުރެ ކޮންމެ ރަށަކުން ދޫކުރުމަށް ހަމަޖެހިފައިވަނީ 50 ގޯތި ކަމަށާއި އަދި ހިތަދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 100 ގޯތި ކަމަށެވެ. އަދި އެ 3 ރަށުން 2،000 އަކަފޫޓްގެ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު ފޭދޫން ދޫކުރުމަށް ހަމަޖެހިފައިވަނީ 1،400 އަކަފޫޓޫގެ 200 ގޯތި ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.