އުމުރުން ދުވަސްވީ މީހުންގެ އާބާދީ އަވަސްމިނެއްގައި އިތުރުވަމުންދާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާކަމަށް ޤައުމުތަކުގެ ތަފާސް ހިސާބުތަކުން ދައްކާއިރު މިކަމުގެ މައިގަނޑު ސަބަބަކީ ބައިނަލްއަޤްވާމީ އަދި ޤައުމުތަކުގެ ފެންވަރުގައި ސިއްހީ ފަރުވާގެ ނިޒާމު ހަރުދަނާވުމާއި ދުވަސްވީ މީހުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވުމެވެ.
2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އުމުރުން ދުވަސްވީ މީހުންގެ އާބާދީ ސޯޅަ ހާހަށްވުރެ މަތީގައި އުޅޭއިރު 2041 ވަނަ އަހަރާ ހަމަޔަށް ދާއިރު ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ 50 ހާހަށްވުރެ އިތުރުވާނޭކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ލަފާކުރެއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން މައުލޫމާތުދޭ ގޮތުގައި ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި ދުވަސްވީ މީހުންގެ އާބާދީ މިހާރު އޮތްވަރަށް ވުރެ ދެގުނަ އިތުރުވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއެއް ތައްޔާރުކުރުމަށްޓަކާ އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. މިކަމަށްޓަކާ ސަރުކާރުން އަންނަނީ ގިނަ ސިޔާސަތުތަކެއް އެކަށައަޅާ ތަންފީޒުކުރަމުންކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ އދއިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ އެއްވެސް މީހަކު ބާކީ ނުކުރުމުގެ ސިޔާސަތާއި އެއްގޮތަށް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތައް ބައްޓަންކުރަމުންދާކަމަށެވެ. އަދި އދގެ ދުވަސްވީ މީހުންގެ ހައްޤުތައް ކަށަވަރުކުރުމާބެހޭ މުއާހަދާއާއި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ދުވަސްވީ މީހުންނާ ގުޅޭގޮތުން އެކަށައަޅާފައިވާ ސިޔާސަތުތައް ރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން ކަށަވަރުކުރުމަށް ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.
ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަސް އިއްޔެ ފާހަގަކޮށްފައިވާ އިރު، އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވުމުން ދިމާވެދާނެ މައްސަލަތަކަށް ހައްލުހޯދުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބައިނަލްއަޤްވާމީ ޢުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށްޓަކައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއާއި އޯލްޑް އޭޖޭ ކެއަރ މޯލްޑިވްސް ގުޅިގެން ހިންގި ޚާއްސަ ޙަރަކާތްތައް މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ ކ.ތުލުސްދޫގައެވެ.