English Edition
Dhivehi Edition

ސޯޝަލް މީޑިއާގެ މަޝްހޫރު، އިރާޤުގެ މޮޑެލްއެއް ކަމަށްވާ ޓާރާ ފާރިސް ބަގުދާދު ގައި އުޅެނިކޮށް ބަޑިން ހަމަލާދީ އޭނާ މަރާލައިފިއެވެ

އިރާޤުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޓާރާ ގަޔަށް ބަޑިޖަހާފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތިދުވަހު ހަވީރުގެ ވަގުތެއްގައި އޭނާ ކާރެއްގައި ދަތުރުކުރަމުން ދަނިކޮށެވެ. ޓާރާއަށް ހަމަލާދީ މަރާލާފައިވަނީ ކީއްވެގެންކަން އަދި ސާފު ވެފައިނުވާއިރު ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޓާރާއަށް ހަމަލާދީފައިވަނީ ދީނީ ހައްދުފަހަނަޅާފައިވާ ފިކުރުގެ މީހުނެވެ. ޓާރާގެ މަރުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައިނުވާއިރު މި މައްސަަލަ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ

ސޯޝަލް މީޑިއާގައި އިރާޤުގެ އެންމެ ގިނަ މީހުން ފޮލޯކުރާ ޓާރާ އަކީ އެ ގައުމުގެ ރީތީގެ ރާނީގެ ގޮތުގައި މަޝްހޫރުވެފައިވާ ތަރިއެކެވެ. 1988ވަނަ އަހަރު އުފަންވި ޓާރާގެ މަންމައަކީ ލުބުނާންގެ މީހެކެވެ. އަދި ޓާރާގެ ބައްޕައަކީ އިރާޤުގެ މީހެކެވެ

2015 އަހަރުގެ ތެރޭގައި ޓާރާއަށް ލިބެމުންދިޔަ މަރުގެ އިންޒާރުތަކާއި ގުޅިގެން ދިިރިއުޅުން ޔޫރަޕަށް ބަދަލުކުރިނަމަވެސް ފަހުން އަނެއްކާވެސް ޓާރާވަނީ އިރާޤަށް އައިސް އެ ގައުމުގައި ދިރިއުޅެންފަށާފައެވެ

ޓާރާގެ މަރާ ގުޅިގެން ގިނަ ބަޔަކު ނުރުހުންފާޅުކުރަމުންދާއިރު ބައެއް ފަރާތްތަކުން ބުނެފައިވަނީ އިރާޤަކީ އަންހެނުން ދިރިއުޅެން ރައްކާތެރި ގައުމެއް ނޫންކަމުގައެވެ.