ވިޔަފާރިވެރިން ހޭލުންތެރި ކުރުމަށް ފުލުހުންގެ ޚާއްސަ ޕްރޮގްރާމެއް ހިތަދޫގައި ފަށައިފިއެވެ.
މިއީ ކުށް މަދުކުރުމުގެ މަޤުޞަދުގައި ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތުގެ ތެރެއިން ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އޮގަސްޓް 15 ވަނަ ދުވަހު ފެށާފައިވާ މި ޕްރޮގްރާމުގައި ވިޔަފާރިވެރިންނާ ވާހަކަ ދައްކައި ވިޔަފާރިވެރިންނަށް ކުރިމަތިވާ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު އޮޅުން ފިލުވައި މިފަދަ ކަންތައްތައް ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ މަޢުލޫމާތު ކާރޑެއް ފޯރުކޮށް ދެއްވާފައިވާ ކަމުގައި ފުލުހުންގެ މީޑިއާ ޕޭޖްގައި ހާމަކޮށްފައި ވެއެވެ
މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށާއި ކޮންމެ ހަފްތާއަކު ވެސް ހިތަދޫގެ ހުރިހާ ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރުމާއި، އެ ފަރާތްތަކުގެ އާންމު ހާލަތު ބަލައި މަޢުލޫމާތު ދޭގޮތަށް ހަމަޖެހިފައިވާ ކަމަށވެސް ފުލުހުންގެ މީޑިއާ ޕޭޖްގައި ހާމަކޮށްފައި ވެއެވެ.
އަދި މީގެއިތުރުން ހިތަދޫގައި ހިންގާ ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި އެފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ގުޅޭ މަޢުލޫމާތާއި ، ބެންކް އޮފް މޯލްޑިވްސްގެ ނަމުގައި ގުޅައި ކޭޝް ކާޑުގެ މަޢުލޫމާތުތައް ހޯދައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް ހޭލުންތެރި ކުރުމަށްވެސް މައުލޫމާތުދޭގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުންގެ މީޑީއާ ޕޭޖުގައި ހާމަކޮށްފައިވެއެވެ.
ކުށް މަދުކުރުމުގެ ގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައް ހިންގަވަމުން އެބަ ގެންދަވައެވެ..