English Edition
Dhivehi Edition

ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމު ހަލަބޮލި ކޮށްލުމަށް ބަޔަކު ރާވަމުންދާ ކަންތައްތަކެއްގެ މަޢުލޫމާތު ލިބިފައިވާކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު ފޭސްބުކް މެދުވެރިކޮށް އާންމުކުރެއްވު މަޢުލޫމާތުގައި ވިދާޅުވެފައިވަނީ ގައުމުގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ސިފައިންނާއި ފުލުހުން ތައްޔާރީ ހާލަތުގައި ތިބި ކަމަށެވެ.

އަދި އެފަދަ މަޢުލޫމާތުތަކެއް ލިބުމާއިއެކު ފުލުހުންނާއި ސިފައިން ގުޅިގެން ބަލަމުންދާކަމަށްވެސް ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ޤައުމީ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ދިވެހި ސިފައިންނަށާއި، ފުލުހުންނަށް ރިޕޯޓްކުރުމަށް ޑިފެންސް މިނިސްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޤައުމުގެ މިނިވަންކަމާއި، ސިޔާދަތު ހިމާޔަތް ކުރުމަށާއި، ދިވެހިންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމަށްޓަކައި ސިފައިންގެ ޤާނޫނީ ވާޖިބު އަދާކުރުންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ޑިފެންސް މިނިސްޓަރ ވަނީ ދެއްވާފައެވެ

މިކަމުގެ އިތުރު ތަފްޞީލު ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއީ ކިހާވަރެއްގެ ކޮންކަހަލަ ނުރައްކަލެއްކަމެއް މިހާތަނަށް ސާފެއް ނުވެއެވެ.