މޫޑީސް އިންވެސްޓާރސް ސަރވިސަސްއިން ހެދި ކްރެޑިޓް ރޭޓިންގ ގައި ރާއްޖޭގެ ރޭޓިން ދަށްވެފައިވާކަމަށްބުނެ ބައެއް މީޑިއާތަކުގައި ދައްކަމުންދާ ވާހަކަތައް ފިނޭންސް މިނިސްޓަރ ދޮގުކުރައްވައިފިއެވެ
ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ، މޫޑީސްއިން ހެދި ކްރެޑިޓް ރޭޓިންގައި ރާއްޖޭގެ ރޭޓިންގ ދައްނުވެ އެއްވަރެއްގައި ހިފެހެއްޓިފައިވާކަމަށާއި އޭގެބަދަލުގައި ކްރެޑިޓް ރޭޓްގެ އައުޓުލުކް ނެގެޓިވްކޮށް ކަމަށް ބަޔާންކޮށްފައިވަނީ ތަފްސީލް ދިނުމުގެ ގޮތުން ކަމަށެވެ
ނެގެޓިވް އައުޓްލުކްގެ މާނަ ހާމަކޮށްދެއްވަމުން މިނިސްޓަރ ވަނީ އައުޓްލުކަކީ ދެވޭ އިތުރު ތަފްސީލެއްކަން ފާހަގަކުރައްވާ ފައެވެ. އަދި އޭގެ ބޭނުމަކީ ކަމެއް ދިމާވެދާނެކަމަށް އެކަމަށް ހިރާސްތަކެއް ކުޑަކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މޫޑިސްއިން ރާއްޖެއަށް ބީ2 ރޭޓިން ދީފައިވާއިރު އެކި ކުންފުނިތަކުން މި ރޭޓިން ހަދާއިރު ތަފާތުތަކެއް ހުންނަކަމަށް ފިނޭންސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ މުނައްވަރު ވިދާޅުވީ މޫޑީސްއިން ނެރުނު ބަޔާނާއި ގުޅިގެން ބައިނަލްއަޤްވާމީ އެއްވެސް ބޭންކަކުން ރާއްޖެއަށް ދަރަނި ދެއްކޭނެކަމުގެ ޤާބިލްކަމާއިމެދު ސުވާލުއުފައްދާފައިނުވާކަމަށެވެ.
ސަރުކާރުންވަނީ ދަރަނީގެ ސަބަބުން ދިމާވެދާނެ ހިރާސްތައް ކުޑަކުރުމަށްޓަކައި 2017 ވަނަ އަހަރުން ފެށިގެން ސޮވްރިންގ ޑިވަލޮޕްމެންޓް ފަންޑެއް އެކުލަވާލާފައެވެ. ދަރެނީގެ ސަބަބުން ދިމާވެދާނެ ހިރާސްތައް ކުޑަކުރުމަށް އެކުލަވާލާފައިވާ ފަންޑަށް މިހާރުވެސް ޖީޑީޕީގެ ނިސްބަތުން 1.6 އިންސަތަ ޖަމާކޮށްފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ