English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސްގެ ހިއްސާ އައްޑުއާާއި ފުވައްމުލަކުގައި ވިއްކުން އިފްތިތާޙްކޮށްފިއެވެ. އުރީދޫ މޯލްޑިވްސް އިނީޝަލް ޕަބްލިކް އޮފަރިންގް (އައިޕީއޯ) އައްޑޫގައިތައާރަފް ކުރުމަށް ރޭ އީކުއޭޓަރ ވިލެޖުގައި ރޭ ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ހިއްސާ ވިއްކުން އިފްތިތާޙްކޮށް ދެއްވެވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާނާއި އެ ކުންފުނީގެ ބޯޑް މެމްބަރު އަލްއުސްތާޛާ ދީނާ ޙުސައިނެވެ. މިމަހުގެ 17 ވަނަ ދުވަހު އުރީދޫ މޯލްޑިވްސްގެ އައިޕީއޯ ގެ އެކްސްކްލޫސިވް ޕްރިވިއުއާއި އުރީދޫގެ ހިއްސާ ވިއްކާނެ އަގާއި ތާރީހް ވަނީ އިއުލާންކޮށްފައިވާއިރު ރަސްމީކޮށް އެކުންފުނީގެ ހިއްސާވިއްކުން ފަށާފައިވަނީ ރޭގައެވެ. އުރީދޫގެ ފަރާތުން މެއި މަހުގެ 28 އާ ހަމައަށް ވިއްކާ އެކުންފުނީގެ ހިއްސާގެ ތެރެއިން ކޮންމެ މީހަކު މަދުވެގެން ގަނެވޭނީ 50 ހިއްސާ އެވެ. އެއީ 30ރ ގެ މަގުން 1،500ރ. އެވެ. ފުރަތަމަ ފިޔަވަހީގައި ވިއްކުމަށް ހަމަޖެހިފައިވަނީ 22 މިލިއަން ހިއްސާ އެވެ. އުރީދޫ މޯލްޑިވްސްގެ ހިއްސާގެ 15 ޕަސަންޓު ނުވަތަ 22،170،060 ހިއްސާ އާންމުންނަށް ވިއްކާނެ އެވެ. އަދި ތަރުހީބު އޮތް މިންވަރަށް ބަލައި އެ ކުންފުނީގެ 40 ޕަސަންޓާ ހަމައަށް، ނުވަތަ 59،120،160 ހިއްސާ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް އުރީދޫން ހާމަ ކުރެ އެވެ. އެކުންފުނީގެ ހިއްސާ އޮންލައިންކޮށްވެސް ގަނެވެން ހުންނާނެއެވެ. ގަތަރު ޓެލެކޮމް ކުންފުނީގެ ރާއްޖޭގެ ވިޔަފާރިން ވިއްކަން ނިންމާފައި ވަނީ 59.1 މިލިއަން ހިއްސާ އެވެ. އެއަދަށް ވިކިއްޖެ ނަމަ 1.7 ބިލިއަން ރުފިޔާ ހޯދޭނެކަމަށް އެކުންފުނިން އަންދާޒާކުރެއެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވަނީ ކުންފުނިން ރާއްޖޭގައި ހޯދަމުންގެންދާ ކާމިޔާބީ އާއި ކުރިއެރުން ފާހަގަކޮށް ވާހަކަ ދައްކަވާފައެވެ. މީގެ އިތުރުން ކުންފުނީގެ ފަރާތުން ވަނީ ޓެލެކޮމިޔުނިކޭޝަން ދާއިރާގައި އުރީދޫން ރާއްޖޭގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބީއާއި ސާފުފައިދާގެ ގޮތުގައި ލިބިފައިވާ މިންވަރު ހާމަކޮށްދީފައެވެ. އަދި އެކުންފުނީގެ ހިއްސާ ގަތުމުން ލިބޭނެ ފައިދާތަކާ ބެހޭގޮތުން ހަފްލާގެ ބައިވެރިންނަށް މައުލޫމާތު ފޯރުކޮށް ދެއްވާފައެވެ. 2005 ވަނަ އަހަރު ރާއްޖޭގައި ޓެލެކޮމިޔުނިކޭޝަންގެ ޚިދުމަތް ދިނުމަށް ވަތަނިއްޔާގެ ނަމުގައި ފެށި މިކުންފުނިން އުރީދޫން ރާއްޖޭގައި މުވާސަލާތީ ހިދުމަތް ފޯރުކޮށްދޭން މިހާތަނަށް 190 މިލިއަން ޑޮލަރަށް ވުރެ މަތީ އަދަދެއް އިންވެސްޓްކޮށްފައި ވާއިރު މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 491.3 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި 2016 ވަނަ އަހަރު ނިމުނު އިރު 390000 ( ތިންލައްކަ ނުވަދިހަ ހާސް) ކަސްޓަމަރުން ލިބިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. ހިއްސާ ވިއްކުން އިފްތިތާޙްކުރުމަށް ރޭ ބޭއްވި ހަފްލާގައި އައްޑޫގެ ވިޔަފާރިވެރިން ބައިވެރިވެފައިވާއިރު ހަފްލާގެ ބައިވެރިންގެ ތެރެއިން ނަސީބު ވެރި 3 ފަރާތެއް ހޮވައި އެ ފަރާތްތަކަށް އިނާމު ހަވާލުކޮށްފައިވެއެވެ. ނަސީބުވެރި އެއްވަނަ ފަރާތަކަށް އީކުއޭޓަރ ވިލެޖުގައި 2 ދުވަހުގެ ހުރުން ދީފައިވާއިރު މި އިނާމު ލިބިލެއްވެވީ ސައުތުޕޮލިސް ޑިވިޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ޝަރީފަށެވެ.

ޓެގު