English Edition
Dhivehi Edition

މުޅި ރާއްޖެއަށް މިހާރު ކުރަމުން ދާ ވިއްސާރައިގައި އައްޑޫސިޓީގެ އަވަށްތަކުގައި ފެންބޮޑުވެ ، ބައެއް ގެތަކަށް ފެން ވަދެ ހިފައިގެންގުޅޭ ތަކެއްޗަށް ގެއްލުންވެއްޖެއެވެ.

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ އަހުމަދު އަމަން އަލީ (ޓޮމް) “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ވިއްސާރައިގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ވެފައިވާ ސަރަހައްދުތަކުގެ ގެތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ހައުސިންގެ މުވައްޒަފުންނާއި އަދި އާންމު ރައްޔިތުން ވެގެން މިއަދު ކޮށްފައިވާ ކަމަށެވެ.

“ހިތަދޫ މެދުދާއިރާގެ 5 ގެއަކަށް އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ. އެހެންކަމުން ހައުސިން މިނިސްޓްރީގެ މުވައްޒަފުންނާއި އަދި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާއެކު މިހާރުވަނީ އާންމު ހާލަތަކަށް ގެނެވިފައި” އަމަން ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން މިއަދު ހެނދުނު ވަނީ ހިތަދޫ މެދުދާއިރާގައި އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ ސަރަހައްދުތަކުގެ ކާނު ސާފުކޮށް ވެލިބަސްތާ ޖެހުމުގެ އިތުރުން ފެން ވަދެފައިވާ ގެތަކުން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.

ހިތަދޫގެ އިތުރުން މަރަދޫ، މަރަދޫފޭދޫ، ފޭދޫގައި ވެސް ވަނީ ފެންބޮޑުވެފައެވެ. އޭގެ ސަބަބުން އެއްޗެއްހި ދުއްވުމަށާއި ހިނގައި ބިނގައި އުޅުމަށްވެސް ވަރަށް ބޮޑަށް ދަތިވެފައިވާ އިރު މި ސަރަހައްދުތަކުގައި ސިފައިންނާއި، ހައުސިން މިނިސްޓްރީއާއި، ޕަބްލިކް ވޯކްސް ސާވިސް އާއި ހިތަދޫ ފަޔަރުން ނުކުމެ ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައެވެ.

މުޅި ރާއްޖެއަށް މިހާރު ކުރަމުން ގެންދާ ވިއްސާރައިގައި މޫސުމް ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރައްވަމުންނެވެ.