English Edition
Dhivehi Edition

ބައިސްކަލަކީ ވަރަށް ގިނަ ގޮތްގޮތުން ބޭނުންތެރި އެއްޗެކެވެ. އަދި އޭގެ ސަބަބުން އެތައްގިނަ ފައިދާތަކެއް އެދުއްވާ މީހާއަށާއި، އެހެން މީހުންނަށް ވެސް ލިބިދޭ އެއްޗެކެވެ. އެގޮތުން އަގަށް ބަލާއިރުވެސް ބައިސްކަލާއި ކާރު،ސައިކަލް ފަދަ ތަކެއްޗާ އަޅާކިޔޭކަށް ނެތެވެ. ބައިސްކަލަކީ އެންމެންނަށް ގަނެވޭ ވަރުގެ އަގެއްގައި ހުރިއެއްޗަކެވެ. ނަމަވެސް ދަރަނި ވެރިވެގެން ނޫންގޮތަކަށް ކާރެއް ގަނެވޭނީ މަދުބަޔަކަށެވެ. އަގުހެޔޮކޮށް ބައިސްކަލެއް ގަތުމަށްފަހު އެމީހަކު ހިތް އެދޭފަދަ ބަދަލުތަކެއް ގެނައުމަށްވެސް މަދު ޙަރަދެއް ނޫނީ ނުދާނެއެވެ. ބައިސްކަލަކީ އެއުފެއްދުމަށް ބަލާއިރުވެސް އެހާމެ އަގު ހެޔޮކޮށް އުފައްދާ އެއްޗެކެވެ. އެގޮތުން އެއްވެސް ގޮތަކަށް ކާރެއްގެ އަގާއި އަޅާކިޔާނުލެވޭނެއެވެ.

ތިމާވެށީގެ ނަޒަރަކުން ބަލާލި ކަމުގައި ވިޔަސް ބައިސްކަލަކީ އެއިން އެއްވެސް ވިހަ މާއްދާއެއް ޖައްވުގެ ތެރެއްއަށް ދޫކުރާ އެއްޗެއް ނޫނެވެ. އެހެންކަމުން ތިމާވެއްޓާއި ރަޙްމަތްތެރި އެއްޗެކޭ ބުނަން ޖެހެއެވެ. އަދި ކާރު ފަދަ ތަކެތީގެ ސަބަބުން މަގުތައް ހަލާކުވެގެން ދާ ދިއުމަށް އޮތް އެންމެ ބޮޑު ހައްލަކީ ވެސް ބައިސްކަލެވެ. މީގެ އިތުރުން ޕާރކިންގެ މައްސަލަތަކަށް ބޮޑު ހައްލެއް ގެނެސްދޭނެއެވެ. އަދި އިންޖީނުލީ ދުއްވާތަކެތިން ތެލަށް ކުރާ ޙަރަދު ވެސް ސަލާމަތް ކުރެވިގެން ދާނެއެވެ.

ސިއްޙީ ނަޒަރަކުން ބެލި ކަމުގައި ވިޔަސް ބައިސްކަލް ވަރެއް ނެތެވެ. ކޮންމެ ދުވަހަކު ބޮޑު އަގުދީފައި ޖިމަކަށް ދިޔުމުގެ ބަދަލުގައި ބައިސްކަލް ގައި އުޅެލުމުން އެފައިދާ ލިބިގެން ދެއެވެ. އާއްމުގޮތެއްގައި 600 ކެލަރީ ގަޑިއެއްގެ ތެރޭގައި ބައިސްކަލްގެ ސަބަބުން އަންދާލެވޭއިރު އާއްމުކޮށް ބައިސްކަލް ބޭނުން ކުރާ މީހުންގެ ބުންވަރ ރަނގަޅުވެ ފައިގެ މަސްތައް ވަރުގަދަ ކަމަށް ވެއެވެ. އަދި އާއްމުކޮށް ބައިސްކަލް ދުއްވާ މީހުންގެ ބަރުދަނުން 15 ނުވަތަ 20 ޕައުންޑް އަހަރެއްގެ މައްޗަށް މަދުވެގެން ދާކަމަށް ވެއެވެ. އަދި މީގެ އިތުރުން ވެސް ބައިސްކަލް ދުއްވުމަކީ ސްޓްރެސް ވެސް ފިލާކަމެކެވެ.

މަގުމަތީގެ ޓްރެފިކަށް ބެލި ކަމުގައި ވިޔަސް ބައިސްކަލްގައި އުޅޭނަމަ ފަސޭހައެތައްކަމަކާއި ދިމާވެއެވެ. ގިނަފަހަރަށް ދާން ބޭނުންވާ ތަނަކަށް ފަސޭހަކަމާއި އަވަހަށް ދެވެއެވެ. މީގެ ސަބަބުން އެތައް ބަޔަކަށް ފަސޭހަތަކެއް ލިބިގެން ދެއެވެ. ހަމަ އެހެންމެ ބައިސްކަލަކީ ލައިސަންސް އެއް އޮވެގެން ދުއްވަން ޖެހޭ އެއްޗަކަށް ނުވާތީ، ގިނަ މީހުންނަށް އެދުއްވުމުގެ ފުރުސަތު ލިބިގެން ދެއެވެ. އަދި ދުއްވަން ދަސްކުރުމާއި ގެންގުޅުމަށް އެހާމެ ފަސޭހަ އެއްޗަކަށް ވުމުން ބައިސްކަލް ގެންގުޅެން ފެށުމުން ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެއެވެ.