English Edition
Dhivehi Edition
ފޮޓޯ: މުނިއަވަސް

ވެބް ސީރީޒް “އޮފީސް ލޯބި” ބައިސްކޯފުގައި ދައްކަން ފަށައިފިއެވެ.

ތަފާތު ސްޓައިލެއްގެ ހެއްވާ، މަޖާ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑު މިހާރުދައްކަން ފަށާފައިވާއިރު، ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ހޯދާފައެވެ.

ޚާއްސަކޮށް މަރިޔަމް ވަހީދާ (ޔަމް) ކުޅެފައިވާ “ޝިފޫ” ގެ ކެރެކްޓަރ އާއި މުޙައްމަދު އަފްރާޙް ކުޅެފައިވާ “ފިކުރީ” ގެ ކެރެކްޓަރ ގިނަބަޔަކު ފާހަގަ ކުރެއެވެ.

މަރިޔަމް ވަހީދާ، މީގެ ކުރިން ފެނިފައިވާ ކެރެކްޓަރތަކާއި އަޅާބަލާއިރު، މި ސީރީޒުގައި އޭނާގެ އެކްޓިންގ ވަރަށް ބޮޑަށް ފާހަގަވާ އެއްސަބަބަކީ ކެރެކްޓަރއަށް ވަދެފައިވާ މިންވަރެވެ. ރާއްޖޭގެ ފުރަތަމަ ސިޓްކޮމް “ކަރުހަކުރު” ގައި ކުޑޭގެ ކެރެކްޓަރ އިން ބެލުންތެރިން ހެއްވައިލި އަފްރާޙަކީ ކޮމެޑީ އެކި ސީރީޒްތަކުން ފެނިފައިވާ މޫނެއްނަމަވެސް މި ސީރީޒުގައި އޭނާގެ ކެރެކްޓަރ ވެސް ތަފާތެވެ. “ފިކުރީ” އަކީ އަބަދު ވެސް ގޮތެއްގައި ހުންނަ މީހެއްކަމަށް ބެލެވެއެވެ.

އަމީނާ މުޙައްމަދު (އަމީ) ލިޔެ ޑައިރެކްޓްކޮށްފައިވާ ”އޮފީސް ލޯބި“ވެބް ސީރީޒަކީ އޮފީހެއްގެ ތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރޭގައި ހިނގާ ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ ވެބް ސީރީޒެކެވެ.

ފިލްމީ ދާއިރާއަށް އައު މޫނުތަކެއް ވެސް ތަޢާރަފުކޮށްފައިވާ ”އޮފީސް ލޯބި“ ވެބް ސީރީޒުގެ ހުރިހައި އެޕިސޯޑެއް މިހާރުވަނީ ޝޫޓުކޮށް ނިންމާ އެޑިޓިންގ ހަރުފަތުގައެވެ.

މި ސީރީޒް ކެމެރާ ކޮށްފައިވަނީ ރާއްޖޭގައި ކެމެރާ ކުރުމުގައި ފުންނާބުއުސް ދަބާއެވެ. އަދި ދަބާގެ އެހީތެރިކަމާއެކު އައިމަން ގެ ކެމެރާ ކުރުމުގެ ހުނަރު ވެސް ފެންނާނެއެވެ.