މި އަހަރު ރޯދަ މަހު ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި އޮފީސް ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް އެމްޑަބްލިއުއެސްސީގެ “ދަތުރު” ހޮވިއްޖެ އެވެ.
ރޭ މި މުބާރާތުގެ ނަތީޖާ ފާޅުކުރަން އޮލިމްޕަހުގައި ބޭއްވި ހަފުލާގައި އެންމެ މޮޅު ޑްރާމާގެ އެވޯޑް އެ ކުންފުންޏާ ހަވާލުކޮށް ދެއްވީ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމެވެ
މި އަހަރުގެ މުބާރާތުގައި ޖުމްލަ ހަ އޮފީހަކުން ބައިވެރިވެފައިވާއިރު މި މުބާރާތުގެ އެއްވަނައަށް ދިޔަ ޑްރާމާ ‘ދަތުރު’ގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަނާއި އެޑިޓިން އަދި ސިނަމޮޓޯގްރަފީން، މަދޮށިފް ސްޓޫޑިއޯގެ ޝާމިން ނިޒާމް ވަނީ އެވޯޑް ކާމިޔާބުކޮށްފައެވެ.މީގެ އިތުރުން މި ޑްރާމާއިން، ފާތުމަތު ނަހުލާގެ ފިލްމް “ބޮސް” އިން ގިނަ ބަޔަކު ރޮއްވާލި މުހައްމަދު ޔުނާން ވަނީ އެންމެ މޮޅު ބަތަލްގެ އެވޯޑް ކާމިޔާބުކޮށްފައެވެ
މިއަހަރުގެ މުބާރާތުގައި އެންމެ މޮޅު ބަތަލާގެ އެވޯޑް މި ފަހަރު ވެސް ގެންދިޔައީ މިދިޔަ އަހަރު އެވޯޑް ހޯދި ފެނަކަ ކޯޕަރޭޝަންގެ އައިމިނަތު ޖުލީސާ އެވެ. މީގެ އިތުރުން އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ މަގާމު އެމްއޭސީއެލްގެ ޑްރާމާ “އިހުމާލު” އިން އަބްދުﷲ މާހިރު ހޯދި އިރު، އެންމެ މޮޅު ސަޕޯޓިން ބަތަލާއަކީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގެ “ތައުހީގު” އިން އައިމިނަތު ރައުލާ އެވެ
އެންމެ މޮޅު އާ ބަތަލާއަކީ “ތައުހީގު” ގެ ފާތުމަތު އިހުސާނާ އަހުމަދު ހޯދިއިރު، އަލަށް ތައާރަފުވި އެންމެ މޮޅު ބަތަލުގެ އެވޯޑް “އިހުމާލު” އިން ސިމާހު އަހުމަދުވަނީ ކާމިޔަބުކޮށްފައެވެ
މި އަހަރުގެ ޑްރާމާ މުބާރާތުގައި ބެލުންތެރިންގެ އެންމެ މަގުބޫލު ޑްރާމާގެ މަގާމު ލިބުނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ “ކަނި” އެވެ. ބެލުންތެރިންގެ އެންމެ މަގުބޫލު އެކްޓަރަކީ “ކަނި” ގެ އެކްޓަރު ނަސްރުﷲ އަހުމަދެވެ. އަދި ބެލުންތެރިންނަށް އެންމެ މަގުބޫލު ބަތަލާއަކީ އެމްސީއެލްގެ “އިހުމާލު” ގެ ބަތަލާ އަދި ދާދި ފަހުން ނިޔާވި ފާތުމަތު ނާޒްލީ އެވ