ގުޅިފައިވާ ކޯލިޝަންގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ން ރޭ އިންތިޚާބު ކޮށްފައިވާ ފައިސަލް ނަސީމް މިއަދު އައްޑު އަށް ވަޑައިގެންފި އެވެ
އިއްޔެ އިން ފެށިގެން ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އައްޑޫގައި ކެމްޕޭން ކުރައްވަމުން ގެންދަވާއިރު އިބޫއާ އެކު ކެމްޕޭން ކުރެއްވުމަށް ފައިސަލް މިއަދު ހެނދުނު އައްޑު އަށް ވަޑައިގަތުމުން، އިދިކޮޅު ކޯލިޝަނުގެ މެމްބަރުންވަނީ އެއާޕޯޓުން ފައިސަލްއަށް މަރުހަބާ ކިޔާފައި ވެ އެވެ. މި ދަތުރުގައި ފައިސަލް އާއި އެކު މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ރަނިންމޭޓްކަމަށް ވާދަކުރެއްވި އަލީ ހުސައިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ
އައްޑޫ އަށް ވަޑައިގެން މިޑިއާ އާއި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ އައްޑު އަށް ވަޑައިގަތުމަކީ ލިބިވަޑައިގަތް ވަރަށް ބޮޑު އުފަލެއް ކަމަށާއި، އައްޑު އަކީ ވަރަށް ކުރިއްސުރެ އޭނާ ވަޑައިގަންނަވާ އަދި އައްޑޫގެ ވަރަށް ގިނަ އަވަށްތަކުގައި އާއިލާގެ ވަރަށް ގިނަ ބަޔަކު ދިރިއުޅެމުންދާ ސިޓީއެއް ކަމަށެވެ