އިންޑިއާގެ ދިއްލީގެ ގެއެއްގައި މިދިޔަ އާދީއްތަ ދުވަހު މަރުވެފައިތިއްބާ ފެނުނު 11 މީހުންގެ ކުއްލި މަރުގެ ތަހުގީގު އިންޑިއާ ފުލުހުން ފަށައިފިއެވެ.
އިންޑިއާ ނޫސްތަކުގައި ބުނެފައިވާގޮތުގައި މަރުވެފައި ތިއްބާ ފެނުނު މީހުންގެ ތެރޭގައި ހިމެނެނީ 7 އަންހެނުންނާއި، ހަތަރު ފިރިހެނުން ކަމަށެވެ. މި މީހުންގެ ހަށިގަނޑުތައް ފެނިފައި ވަނީ ދެ ބުރީގެ ގެއަކުންކަމަށްވެސް ނޫސްތަކުގައި ބުނެފައިއެވެ.،
ފުލުހުން ބުެނފައިވާގޮތުގައި، އަމިއްލައަށް މަރުވި 11 މީހުންގެ ތެރޭން އެއްބަޔަކު ދަންޖެހިގެން މަރުވެފައި ތިބި އިރު އަނެއް ބަޔަކު ތިބީ ކަނުބަނދެފައި ދެ އަތް ފަހަތަށް ބަނދެފަ އެވެ.
އެ މީހުން މަރުވެފައިވަނީ އަމިއްލައަށް ކަމަށްބެލެވޭ އެއް ހެއްކަކީ ” އެގެއިން ފެނުނު ޑައިރީ އަކުންވަނީ “މާސް ސެލްވޭޝަން” އަށް ވަރަށް ތަފްސީލްކޮށްދީފައިވާ އިރުޝާދު ތަކެއް ފެނިފައި، އޭގެތެރެގައި ދަންޖެއްސުންތައް ކުރިއަށް ގެންދާނެގޮތްވެސް ހިމެނޭ، އެހެން ކަމުން ފެންނަ ގޮތުގައި އެއާއިލާއިން ވަނީ މި އިރުޝާދު ތަކާއި އެއްގޮތަށް އަމަލު ކޮށްފައި” ފުލުހުން ބުންޏެވެ. މީގެ އިތުރުން ފުލުހުން ބުނެފައިވަނީ ދަންޖެހިގެން މަރުވުމުގެ ކުރިން މިއާއިލާއިން “ހަވަން” ނަމަކަށް ކިޔާ އަޅުކަމެއް ކޮށްފައި ވާކަމަށާއި މިއިރުޝާދު ތަކަކީ ސީދާ ކޮންއިރަކު ލިޔެފައިވާ އެއްޗެއްކަން އެނގިފައި ނުވާކަމަށެވެ. އަދި ބެލެވޭގޮތުގައި މީގެތެރެއިން ބައެއް ކަންތައްތަކަކީ މީގެ އެތައް މަހެއް ކުރީން ލިޔެފައިވާ އިރުޝާދު ތަކެކެވެ.
އެހެން ނަމަވެސް ޝައްކުވާކަންތައްތަކެއް ހުރުމުން މިހާރު ހާއްސަޓީމަކުން އެ މަރުތަހުގީގު ކުރަމުންދާ ކަމަށާއި މިހާތަނަށް 6 މީހެއްގެ ޕޯސްޓްމޯޓަމް ހަދައި ރިޕޯރޓްތައް ލިބުނު އިރު އެހަމީހުން ވެސް މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ބެލެވޭކަމަށެވެ. ފުލުހުން ބުނީ ޕޯސްޓްމޯޓަމް ހެދި 6 މީހުންގެ ތެރޭގައި ކުޑަދެކުދީން ވެސް ހިމެނޭކަމަށެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އަދިވެސް މި މަރުތަކުގެ ފަހަތުގައި ސިއްރުތައް ވާކަމަށް ޝައްކު ކުރެވޭކަމަށާއި އެއްފަހަރާ އާއިލާއެކޮށް އަމިއްލައަށް މަރުވެދިޔުމަކީ ވަރަށްނާދިރު ކަމެއްކަމަށެވެ.
މިދިޔައާދީއްތަ ދުވަހު ހިނގި މިާދިސާ ފުލުހުންނަށް ރިޕޯރޓްކުރީ އެ ސަރަހައްދުގައި އުޅޭ އަވަށްޓެރި މީހަކު ހެނދުނު 7:15 ވީ އިރު ބަޓިޔާ އާއިލާއިން ހިންގާ ފިހާރަ ނުހުޅުވައިގެން ގޮސް އެގެޔަށް ވަނުމުން އެންމެން މަރުވެފައި ތިއްބާ ފެނިގެން ނެވެ. އަވަށްޓެރިމީހާ ބުނެފައި ވާގޮތުގައި އާންމުކޮށް އެފިހާރަ ފަތިހު 5:30 ހުގައި ހުޅުވައެވެ.
މުޅި އިންޑިއާ ސިއްސުވާލި މިހާދިސާގައި އެއާއިލާގެ އެންމެ ދުވަސްވީ ނަރަޔާނީ ބަޓިޔާ 77 އަހަރު ، މަރުވެފައި ހުއްޓާފެނުނީ ކޮޓަރިއެއްގެ ތެރޭގައެވެ. ބާކީ ތިބީ ދިހަމީހުން ތިބީކަންފަތުގައި ކަފަކޮޅަކުން އުނގުރި ޖެހުމަށްފަހު ކަނުބަނދެފަޔާއި ދެއަތްވެސް ބަނދެފަ ސްކާފަކުން ދަންޖެހިގެން އެގޭގެ ހޯލްވޭގައި މަރުވެފައެވެ. މީގެތެރޭގައި 15 އަހަރުގެ ދެފިރިހެން ކުދީންވެސް ހިމެނެއެވެ.
މަންޒަރުދުށްމީހާ ބުނެފައިވަނީ އެގެއަށް ވަތްއިރު ގެއަށް ވަންނަ ދޮރުގައި ހުރީ ތަޅުނުލާކަމަށެވެ. އިންޑިއާ ފުލުހުން ބުުނެފައިވަނީ މިހާރު ޕޯސްޓްމޯޓަމް ހަދާފައި ވާ ހަށިގަނޑުތައް ވަޅުލުމަށް އާއިލާ އާއި ހަވާލުކޮށްފައި ވާކަމަށާއި މި މަރު ތަހުގީގު ކުރަމުން ދާކަމަށެވެ.