English Edition
Dhivehi Edition

މާލެއާއި ހުޅުލެއާއި ދެމެދު އަޅަމުންދާ ބްރިޖް ގެ މަސައްކަތް ނިމި އޭގެ ބޭނުންކުރަން ފެށުމުން ހުޅުމާލެއަށް ދިމާވެދާނެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ސިޔާސަތު އެކުލަވާލުމާބެހޭ މަޝްވަރާތައް ކުރަމުންދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ހާމަކޮށްފިއެވެ. ތަރައްޤީގެ މައި ހަބްގެ ގޮތުގައި ސިފަކުރެވޭ ހުޅުމާލެއަށް ދިމާވެދާނެ ތޮއްޖެހުމަށް ސަމާލުވެ އެކަން ހައްލުކުރުމަށް މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށް އެޗްޑީސީގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ސައިމަން ވަނީ ވިދާޅުވެފައެވެ. އެގޮތުން ހައުސިންގ މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ޓްރެފިކްއާއި ގުޅުންހުރި ސިޔާސަތުތަކެއް އެކުލަވާލުގެ މަޝްވަރާތައް ކުރަމުން އަންނަކަމަށް ސައިމަން ވިދާޅުވިއެވެ. ‏މިއާއެކު ޕާކިންގއާއި ގުޅޭ ސިޔާސަތު އެކުލަވާލުމުގައި އެކަމަށް ބޭނުންކުރާނެ ސިސްޓަމާއި ގުޅޭގޮތުންނާއި، ޕާކިންގ ޒޯނުތައް އިތުރުކުރުމާއި، ވާރޓިކަލް އަދި ހޮރިޒޯންޓަލް ޕާރކިންގ ތަރައްޤީ ކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރަމުން އަންނަކަން ސައިމަން ފަހަގަކުރެއްވިއެވެ. ސައިމަން ވިދާޅުވީ ހުޅުމާލެ ތަރައްޤީ ކުރުމުގައި އެންމެ ބޮޑު އިސްކަމެއްދެނީ ހިތްހަމަޖެހޭ، ސިއްޙީ ގޮތުން ދުޅަހެޔޮ މާހައުލެއް ޤާއިމު ކުރުންކަމަށް ކަމަށާއި އެގޮތުން ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކުގެ ބޮލަކަށްޖެހޭ ހުސްޖާގައިގެ ނިސްބަތް ގަވައިދުން މޮނިޓަރ ކުރަމުން އަންނަކަމަށެވެ.