އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ރާއްޖޭގެ އިގުތިސޯދީ ސަރަހައްދު ބެލުމުގެ އޮޕަރޭޝަނެއް، ފަށައިފިއެވެ.

މިއަދު ފެށި އޮޕަރޭޝަނާ ގުޅިގެން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، މިފަހަރު ހިންގާ އޮޕަރޭޝަނަކީ ވައިގެ މަގުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހިންގާ ސާވެއިލަންސް ޕެޓްރޯލެއް ކަމަށެވެ.

އޮޕަރޭޝަންގައި އިންޑިއަން ނޭވީގެ ދެ ޑޯނިއާ ފްލައިޓް ބޭނުންކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އޮޕަރޭޝަން ކުރިއަށް ގެންދާ ތާރީހެއް އަދި އޮޕަރޭޝަން ހިންގި ސަރަހައްދު އާންމު ކުރާނީ އޮޕަރޭޝަން ނިމުނީމަ ކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގަމުންދޭތޯ ބެލުމަށް، އެމްއެންޑީއެފްއާއި އިންޑިއާ ސިފައިން ގުޅިގެން ސިލްސިލާކޮށް ގެންދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އެގޮތުން މިދިޔަ މަހުގެ 12 އިން 15 އަށް އިންޑިއާ ނޭވީގެ މަނަވަރަކާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޝިޕްތައް ވަނީ ކަނޑުމަގުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ސާވެއިލަންސް އޮޕަރޭޝަނެއް ހިންގައިފައެވެ.