English Edition
Dhivehi Edition

ސ.މަރަދޫ ‘މިރާ’ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިރޭ 8:00 ހާކަންހާއިރު ހިނގި މިހާދިސާގައި އަނދާފައިވަނީ މިހާރުވެސް ބޭނުން ކުރަމުންދާ މިރާ ގޭގެ ބަދިގެއެވެ.

މިހާދިސާގައި ގެއާ ވަކިން ހަދާފައިވާ މިރާގޭގެ ބަދިގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. އަދި ބަދިގެ ކާރީގައި ހުރި 3 ތާނގީގެ ތެރެއިން 2 ތާނގީވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހޫނުވުމުގެ ސަބަބުން ހަލާކުވެފައެވެ.

މިރާ ގެއިން އޭއޯ ނިއުސް އަށް މައުލޫމާތު ދިންމީހަކު ބުނިގޮތުގައި ބަދިގޭގައި ރޯވިކަން އެނގުނީ ގޭތެރޭގައި ހުއްޓާ އެއްޗެއް އަނދާވަސް ދުވާތީ ބަލާލުމުންނެވެ .

އޭނާ ބުނިގޮތުގައި އޭރު ވަރަށް ބޮޑަށް ރޯވެ އަނދަމުންދާތީ ، ފަޔަރ އެންޑް ރެސްކިއު އަށް ގުޅައި އެންގިކަމަށެވެ. އަދި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލަން ފެން ޖަހަން ބެލިއިރު ގޭގެ ފެން މޯޓަރުވެސް ހޫނުވުމުގެ ސަބަބުން ހަލާކުވެފައިވާ ކަމަށެވެ. ނަމަވެސް ފަޔާރ އެންޑް ރެސްކިއުގެ ޓީމަށް އާދެވުނުއިރުވެސް އަވަށްޓެރިންގެ އެހީއާއެކު އަލިފާން ނިއްވާލާފައިވާކަމަށެވެ .