ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކޮށްފައިވާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް ހޯމަ ދުވަހު ފެށުމަށް ތާވަލުކޮށްފިއެވެ.
ޝަރީއަތުގެ އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ ކްރިމިނަލް ކޯޓުގައި މާދަމާ ހެނދުނު 11:00 ގައެވެ.
ފާރިސްގެ މައްޗަށް އުފުލާފައިވާ ޝަހުޝް އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް ފެށުމަށް އެންމެ ފުރަތަމަ ތާވަލުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހަށެވެ. ނަމަވެސް ވަކީލުން އެދިގެން އެދުވަހުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. ފާރިސްގެ ވަކީލުން ވިދާޅުވީ މި ދައުވާގެ ޝަރީއަތްތައް އަލުން ފަށާފައިވަނީ ގިނަ ދުވަސްތަކަކަށްވުމުން މައްސަލައަށް ތައްޔާރުވާން އިތުރު ވަގުތު ބޭނުންވާކަމަށެވެ.
ފާރިސްވެސް ވަނީ ދައުލަތުން އޭނާގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާކަން ފާހަގަކޮށް އެކަންކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އެދިވަޑައިގެންފައެވެ.
ދައުލަތުންވަނީ ފާރިސް، ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށްފައިވަނީ ޕީޕީއެމްގެ ހުއްދަ ނެތިކަމަށްބުނެ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީއެއްވެސް ހެކީގެ ގޮތުގައި ހުށައަޅާފައެވެ.
އެމައްސަލައިގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާއި ރިޝްވަތުގެ ދައުވާއާއި ސަރުކާރު ވައްޓާލަން އުޅުމުގެ ދައުވާއާއި އިތުރު ދައުވާތަކެއްވެސް ފާރިސްގެ މައްޗަށް ވަނީ ކޮށްފައެވެ.