English Edition
Dhivehi Edition

ބޭރުގެ އިސްތިޢުމާރީ ބާރުތަކުގެ ނުފޫޒުތަކަށް ނޫނެކޭ ބުނުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑު ނުރައްކަލެއް ކުރިމަތި ކުރުވަނީ މިއަދު ދިވެހިންގެ ފަރާތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާޞަބަޠާ ގުޅިގެން ޤައުމާ މުޚާޠަބު ކުރައްވަމުން ރައީސް ވިދާޅުވީ މިހާރު ފެންނަމުންދާ ޙަޤީޤަތަކީ، އަމިއްލަ ފައިދާގެ ހެދުން އަޅައިގެން، ރައްޔިތުންގެ ނަން ބޭނުންކޮށްގެން ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ޢަމަލުތައް ހިންގުމަށް ފާޅުގައި ބޭރު ޤައުމުތަކަށާއި، ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ގޮވާލައި، އަދި ޤައުމުގެ ޞުލްޙަމަސަލަސްކަމާއި އަމަން އަމާންކަން ނަގާލަން މަސައްކަތް ކޮށް، ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދެމުންގެންދާ ތަން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި، ސިޔާސީ މައިދާނުގައި ތިބޭ މީހުން 24 ގަޑިއިރު ކުރާ، އަމިއްލަ އެދުމުން ފޮރުވިފައިވާ ސިޔާސީ ސުވާލުތަކަށް ޖަވާބުދިނުމަށްވުރެ އެ މަނިކުފާނަށް މުހިންމީ ރައްޔިތުންނަށް ޚިދުމަތްކޮށް ޤައުމު ތަރައްޤީކޮށް ކުރިއަރުވައި، ޤައުމަށް ފައިދާ އާއި ލާބަ ލިބެނިވި ކަންކަން ކުރުންކަމަށެވެ.