އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ މި އަހަރުގެ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލު ކުރާ ބައިވެރިއަކަށް އަބްދުﷲ ޒިޔާއު (އައްދު) ހޮވިއްޖެ އެވެ
މޯލްޑިވިން އައިޑޮލް ސީޒަން އެކެއްގައި ވެސް ވާދަކުރި، އައްޑޫ ސިޓީ މަރަދޫއަށް އުފަން އައްދުއަށް މި ފުރުސަތު ލިބުނީ އަމިއްލަ ގޮތުން އޭގައި ބައިވެރިވާން ހުޅުވައިލުމުން އޭނާ ހުށަހެޅި ލަވަ ހޮވިގެންނެވެ. “ކުރިއަށް ދާނީ ގަދަ ހިތްވަރުން”ގެ ނަމުގައި އަމިއްލަ ރާގަކަށް ހަދައި އައްދުު ހުށަހެޅި ލަވައަކީ ލޯފަން ކުދިންނަށް ހާއްސަކޮށްގެން ހެދި ލަވައެކެވެ
އަންނަ މަހުގެ 11 ގައި ކަޒަކަސްތާންގެ އަސްޓާނާގައި ބާއްވާ މި ފެސްޓިވަލްގައި އައްދު ރާއްޖެ ތަމްސީލު ކުރާނީ އޭބީޔޫގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އާ ގުޅިގެންނެވެ
އޭބީޔޫ ރޭޑިއޯ ސޯންސް ފެސްޓިވަލްގެ މީގެ ކުރިންވެސް އައްޑޫ ސިޓީ ހުޅުދޫގެ ޒުވާނަކު ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ. މި ފެސްޓިވަލްގައި ހުޅުދޫ މޫސާ މައުސޫފްގެ އިތުރުން މަރްޔަމް އުނޫޝާ، މޫޝަން މުބާރިކް، ބަތޫލް އަހުމަދު، އަހުމަދު ރަޝީދު، ލައިޝާ ޖުނައިދު އަދި ތަސްނީމް އަހުމަދު ފަދަ ބައިވެރިން ވަނީ ރާއްޖެ ތަމްސީލުކޮށްފައެވެ.