މިހާރު ކުރަމުންގެންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން ހަލާކުވެ ފައިވާ އައްޑޫސިޓީގެ އަވަށްތަކުގެ ވެލިމަގުތައް ޕަބްލިކް ވޯކްސް އިން މަރާމާތު ކުރަން ފަށައިފިއެވެ
މިގޮތުން އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުތަކަކީ ކޮބައިތޯ ބަލައި އެ ސަރަހައްދުތަކަށް ފަސް އަޅައި މަގު ލެވެލްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕަބްލިކް ވޯކްސް އިން ބުނެއެވެ.
“މީދޫ އާއި ހިތަދޫގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ކުރަމުން މިދަނީ. ބޮޑަށް ބަލަނީ ފެންބޮޑުވުމާ ގުޅިގެން މީހުންނަށް ގެއިން ނިކުމެ އުޅެން އުނދަގޫވާ ފެންވަރަށް ހަލާކުވެފައި ހުރި ސަރަހައްދުތަކުން ފެން ހުސްކޮށް އެ ތަންތަން ފަސް އަޅައި އެކަމަށް ހައްލެއް ހޯދައިދެވޭތޯ” ޕަބްލިކް ވޯކްސް އިން މައުލޫމާތު ދެއްވިއެވެ.
މިއަދު ހެނދުނުން ފެށިގެން މީދޫ ހުރަސް މަގާއި އަދި ހިތަދޫގެ މަގުތައް މަރާމާތު ކުރުމުގެ މަސައްކަތުގައި ޕަބްލިކް ވޯކްސް ގެ ވެހިކަލްތަކާއެކު މުވައްޒަފުން ހަރަކާތްތެރިވަމުންދާ ތަން ފެނެއެވެ.
ޕަބްލިކް ވޯކްސް އިން ބުނީ އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ހުޅުމީދޫ ބޮޑުމަގުގައި ތާރު އެޅުމުގެ މަސައްކަތް ވެސް ހަލުވި ސްޕީޑުގައި ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެމަގު ނިމި މީހުންނަށް މަގުގެ ބޭނުން ކުރެވެން ފަށާނެ ކަމަށެވެ.