English Edition
Dhivehi Edition

އައްޑޫސިޓީ ގައުކެނޑި ސަރަހައްދުގައި ހުރި ޗެކްޕޯސްޓް މަރާމާތުކޮށް ނިންމާފައިވަނިކޮށް އެތަނުގެ ބިއްލޫރި ބަޔަކު ތަޅައިލައިފިއެވެ. ޗެކްޕޯސްޓުގެ ބިއްލޫރި ތަޅައިލައިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައެވެ. އެކަމާބެހޭގޮތުން އައްޑޫސިޓީ ކޮމާންޑަރ ޖަމްޝީދު އަލީ ވިދާޅުވީ އެފަދަ ކަންކަން ކުރުން ހުއްޓާލަންޖެހޭ ކަމަށެވެ. އެކަންކުރި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމެއް އަދި ނޫންކަމަށްވެސް ވިދާޅެއް ނުވެއެވެ. ޗެކްޕޯސްޓް މަރާމާތުކޮށްފައިވަނީ އައްޑޫސިޓީ ކައުންސިލްގެ ބަޖެޓުން 169,997 ރުފިޔާ ޚަރަދުކޮށްގެންނެވެ. ސިޓީކައުންސިލުން އެތަން މަރާމާތު ކޮށްފައިވަނީ ފަޒާ ބިޒްނަސް އިންވެސްޓްމެންޓާ ހަވާލުކޮށްގެންނެވެ. އެތަނަކީ ކުރިންވެސް ފުލުހުން ބޭނުންކުރި އިމާރާތެކެވެ. އަލުން އެތަން މަރާތުކޮށްފައިވަނީ ވެސް ފުލުހުންގެ ބޭނުމަކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަން ފުލުހުން ބޭނުންކުރާނީ ޓްރެފިކް މަރުކަޒެއްގެ ގޮތުގައެވެ. އެތަން މަރާމާތުކޮށް ނިންމާފައިވިޔަސް އެތަނަށް އަދިވެސް ކަރަންޓް ލެވޭނެ ގޮތެއް ނުވެއެވެ. އައްޑޫސިޓީ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޖަމްޝީދު އަލީ ވިދާޅުވީ އެތަނަށް ކަރަންޓު ލުމަށްޓަކައި އައްޑޫސިޓީ ކައުންސިލާއެކު މިހާރު ގެންދަވަނީ ވާހަކަ ދައްކަވަމުން ކަމަށެވެ. ފުލުހުން ބޮޑަށް އިސްކަންދެނީ އެތަނަށް ސޯލޭ ބޭނުންކޮށްގެން ކަރަންޓު ލުމަށެވެ.