ލުޔުނީ: ހިޒްޔަމް ޝަމްސުއްދީން ސްކޫލް އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ 9 އަހަރާއި 7 އަހަރުންދަށުގެ ފައިނަލްގެ ޖާގަ ބަހާއުއްދީން (އޮރެންޖް) ހައުސް އާއި ހާފިޒް އިބްރާހިމް (ޕާރޕްލް) ހައުސް ހޯދައިފި އެވެ. 7 އަހަރުން ދަށުގެ އޮރެންޖް ހައުސް ޓީމުން ފައިނަލުގެ ޖާގަ ކަށަވަރު ކުރީ މިއަދު ހެނދުނު މަޖުދުއްދީން ހައުސް (ގްރީން) އާއި ވާދަކޮށް، 6-0 ލަނޑުން މޮޅުވެގެންނެވެ. ޝަމްސުއްދީން ސްކޫލް ޕްލޭ ގްރައުންޑުގައި މިއަދު ހެނދުނު ކުޅުނު މި މެޗްގައި ބަހާއުއްދީން ހައުސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖެހީވެސް އެ ޓީމުންނެވެ. މެޗުގެ ކުރީކޮޅު ލަނޑުޖަހައި، ބަހާއުއްދީން ހައުސް އަށް ލީޑް ނަގައިދިނީ އެ ހައުސްގެ ޝައްޔާން އެވެ. ޝައްޔާން އެ ހައުސް އަށް 3 ލަނޑު ޖަހައިދިން އިރު، އެ ހައުސްގެ ޒިހާން ވަނީ 2 ލަނޑު ޖަހައިދީފައެވެ. މެޗުގެ 6 ވަނަ ގޯލް މަޖުދުއްދީން ފަރާތުން ބައިކޮޅަށް ޖެހުނީ އެ ޓީމްގެ ގޯލް ކީޕަރު އަތުންނެވެ. މަޖުދުއްދީން ހައުސް އަށް އެއްވެސް ލަނޑެއް ކާމިޔާބު ނުވި މި މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވައިފައިވަނީ ބަހާއުއްދީން ހައުސްގެ ޝައްޔާން އެވެ. މި އުމުރުފުރާގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހާފިޒް އިބްރާހިމް ހައުސް އާއި ފަޤީހު މޫސާ ހައުސް އެވެ. މި މެޗުން މޮޅުވެ، ފައިނަލްގެ ޖާގަ ހާފިޒް އިބްރާހިމް ހައުސް އިން ކަށަވަރު ކުރީ 3-0 ލަނޑު ޖަހައިގެންނެވެ. މި މެޗްގައި ހާފިޒް އިބްރާހިމް ހައުސް އަށް 2 ލަނޑު ޖަހައިދީފައިވަނީ އެ ހައުސްގެ ރައްޔާން އެވެ. 3 ވަނަ ގޯލް ޖަހައިދީފައިވަނީ އެ ހައުސްގެ ޔަމީން އެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވާފައިވަނީ ހާފިޒް އިބްރާހިމް ހައުސްގެ ރައްޔާން އެވެ. 9 އަހަރުން ދަށުގެ ބަހާއުއްދީން ހައުސް އާއި މަޖުދުއްދީން ހައުސް ބައްދަލުކުރި މެޗުން ބަހާއުއްދީން ހައުސް މޮޅުވީ 5-0 ލަނޑުންނެވެ. ބަހާއުއްދީން ހައުސް އަށް ލަނޑު ޖަހައިދިނީ އެ ހައުސްގެ ޒިޝަން، 4 ލަނޑު އަދި ޒިހާން، 1 ލަނޑެވެ. މިއާއި އެކު ބަހާއުއްދީނުން ވަނީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްފައެވެ. މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ބަހާއުއްދީން ހައުސްގެ ޒިޝަން ހޮވާފައިވާ އިރު، ޒިޝަންގެ ފަރާތުން މެޗުގައި ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. 9 އަހަރުން ދަށުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހާފިޒް އިބްރާހިމް ހައުސް އާއި ފަޤީހު މޫސާ ހައުސް އެވެ. މި މެޗުން މޮޅުވެ، ފައިނަލްގެ ޖާގަ ހާފިޒް އިބްރާހިމް ހައުސް އިން ކަށަވަރުކުރީ 1-0 ލަނޑުންނެވެ. މެޗުގައި ހާފިޒް އިބްރާހިމް ހައުސް އަށް ކާމިޔާބު ކުރެވުނު ހަމަ އެކަނި ލަނޑު އެ ހައުސް އަށް ޖަހައިދިނީ އިބާން ވާސިފް އެވެ. މިއާއި އެކު މި މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާ އަކަށް ހޮވާފައިވަނީ ހާފިޒް އިބްރާހިމް ހައުސްގެ އިބާން ވާސިފް އެވެ. ޝަމްސުއްދީން ސްކޫލް އިން ކުރިއަށް ގެންދާ އެ އިސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގައި މިދިޔަ ހަފްތާގައި ކުޅުނީ 13 އަހަރާއި 11 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމްތަކެވެ. 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ހާފިޒް އިބްރާހިމް ހައުސް އިން ހޯދާފައިވާ އިރު، 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ މަޖުދުއްދީން ހައުސް އިންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ހުރިހާ އުމުރުފުރާއަކުން ބަހާއުއްދީން ހައުސް ވަނީ ފައިނަލަށް ގޮސްފައެވެ. 9 އަހަރާއި 7 އަހަރުންދަށުގެ މެޗްތައް މިއަދު ހަވީރު 16:00 އިން ޝަމްސުއްދީން ސްކޫލް ޕްލޭ ގްރައުންޑްގައި އޮންނާނެއެވެ. މި މުބާރާތް ކުރިއަށް ގެންދިއުމުގެ މަޤްސަދަކީ ކުދިންގެ ކިބައިގައި ރީތި އަޚުލާގެއް އަށަގެންނެވުމަށާއި، ކިޔެވުމުގެ ތެރެއިން ކުދިންނަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށެވެ