English Edition
Dhivehi Edition

ސްރީލަންކާގެ ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ދިހަ މިލިއަނަށްވުރެން ގިނަ ރުޕީސްގެ އެސްޓެސީ ޕިލްސް (ލަވް ޕިލްސް) އާއެކު ދެ ދިވެހިން ސްރީލަންކާ އިން ހައްޔަރުކޮށްފިއެވެ.

ލަންކާގެ ޑެއިލީ މިރާ އިން ރިޕޯޓް ކުރި ގޮތުގައި ހައްޔަރުކޮށްފައިވަނީ 19 އަހަރާއި 25 އަހަރުގެ ދެ ދިވެހީންނެވެ. މި ދެ މީހުންނަކީ ލަންކާގެ ކަލުބޯވިލާ އަދި ދެހިވަލާގެ އެޕާޓްމެންޓްތަކެއް ގައި ދިރިއުޅުމުންދިޔަ ދެ މީހެއް ކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

ލަންކާ ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެމީހުންގެ އަތުން އަތުލި 1925 ޕިލްސްގެ މަގު މަތީ އަގު 10 މިލިއަން ރުޕީސް އަށް އަރައެވެ. އެ މީހުން މިތަކެތި ލަންކާ އަށް އެތެރެކުރީ ނެދަލޭންޑްސް އިންނެވެ. އަދި އެއީ މިހާތަނަށް ޕޮލިސް ސްޕެޝަލް ޓާސްކް ފޯސް އިން އަތުލައިގަތް އެބާވަތުގެ އެންމެ ގިނަ މަސްތުވާތަކެތި ކަމަށް އެގައުމުގެ ފުލުހުން ބުނެއެވެ.

ހައްޔަރުކުރި ދެ ދިވެހީން ލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ އިތުރުން އެ ގައުމުން އެެހެން ގައުމުތަކަށް ފޮނުވަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދިވެހި ދެ ޒުވާނުން މިހާރު ވަނީ ލަންކާގެ ފުލުހުންގެ ނާކޮޓިކް ބިއުރޯއާ ހަވާލުކޮށްފައެވެ.