English Edition
Dhivehi Edition

ގެއްލިގެން ހޯދަމުންދާ ފުވައްމުލައް ސިޓީ، އޮޅުތެރޭގެ މުޙައްމަދު ޝަފީޢު، (42އ) ހޯދައިދޭ ފަރާތަކަށް އާއިލާއިން -/20000 (ވިހި ހާސް) ރުފިޔާގެ އިނާމެއް ހުށަހަޅައިފިއެވެ. ޝަފީއު ހޯދައިދޭ ފަރާތަކުން އެކަން ފުލުހުންނަށް އެންގުމުން، އިނާމު ހަވާލުކުރާނީ ފުލުހުންގެ ފަރާތުން ދޭ މައުލޫމާތަށް ބަލައި ކަމަށް އާއިލާއިންވަނީ ބުނެފައެވެ. މި ޖުލައި މަހުގެ 14 ވަނަ ދުވަހު ގެއިން ނިކުތް ގޮތަށް ހަބަރެއް ނުވެގެން ޝަފީއު ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ އެރޭގެ 12:05 އެހާކަށްހާއިރެވެ. ގެއްލިގެން ހޯދަމުންދާ ޝަފީޢުގެ ޖިންސްކަމަށް ބެލެވޭ ޖިންސެއް އަރުއްފަންނާއި ދަޑިމަގު ފަންނާއި ދެމެދުން އަތިރިމަތިން ފެނިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އާއިލާއން ދޮގުކޮށްފައެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުން ޝަފީއު ފެންނަކަމަށް އެކި ފަރާތްތަކުން ބުނަމުން ދިޔަސް އެ ކަމުގައި އެކަށީގެންވާ ހެއްކެއް މިހާތަނަށް ލިބިފައި ނުވާކަމަށް އާއިލާއިން ވަނީ ބުނެއެވެ. އަދިޝަފީއު އާއި ގުޅޭ ގޮތުން ހަގީގަތާއި ޚިލާފު ވާހަކަތައް ނުދެއްކުމަށް އޭނާގެ އާއިލާއިން ވަނީ އެދިފައެވެ ޝަފީއު ގެއްލުނުއިރު އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ޖިންސަކާއި ނޫކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ވަނީ ބުނެފައެވެ އަދި ޝަފީއު އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9630891، 7616152 އަށް ގުޅުމަށް އާއިލާއިން ވަނީ އެދިފައެވެ