ދިވެހިރާއްޖެ ތަރައްޤީކޮށް ތަހުޒީބު ކުރަންޖެހޭނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލާއި އިސްލާމް ދީނާއި، ދިވެހި ޤައުމިއްޔަތު ރައްކާތެރި ކުރެވޭނެ ގޮތެއްގެ މަތިން ކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ، މިހެން ވިދާޅުވީ، ވެރިކަންކުރާ ޕާޓީ، ޕީޕީއެމް އިން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ އެންމެ މުހިންމު އަސާސީ އެއްކަމަކީ އެ ޤައުމަށް ބޭނުންވާނެ މިނިވަންކަމާއި އިސްތިޤްލާލު ކަމަށެވެ. އަދި، މި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށް ޓަކައި ރައީސް ޔާމީން ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެކެއް ފެބުރުއަރީ ގައި ރައީސް ޔާމީން ފިޔަވައި ދެވަނަ ވެރިޔަކު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ނަމަ، މި ޤައުމުގެ މިނިވަންކަން ގެއްލުނީސް ކަމަށާއި، އެ ދުވަހު ރައީސް ޔާމީން ބޭނުންކުރެއްވި ޚިކުމަތު ޢަމަލީއާއި ކުރެއްވި މަސައްކަތްޕުޅަށް ތަޢުރީފު ކުރެއްވިއެވެ.
“އެހެންވީމާ އަޅުގަނޑު ދަންނަވަން މި ޖެހެނީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަކީ އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެކޭ.” މިނިސްޓަރ ވިދާޅުވިއެވެ.