އެކެއް ފެބްރުއަރީގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ބާޠިލް ކޮށްފައިނުވާ ކަމަށާއި އެހެން ކަމުން އދ. އިން ނުވަތަ އެހެން ކޮންމެ ޖަމާޢަތަކުން ކޮންމެ ގޮތަކަށް ނިންމި ކަމުގައި ވިޔަސް ރައީސް ނަޝީދަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަށް ރާއްޖޭގެ ޤާނޫނު އަސާސީ ހުއްދަ ނުކުރާ ކަމަށް އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އެ ކަމަނާ މިފަދައިން ވިދާޅުވީ ފުވައްމުލަކުގައި ރޭ ބޭއްވުނު ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކެއް ފެބްރުއަރީގެ އަމުރާއި އދ. އިން ރައީސް ނަޝީދުގެ މައްސަލާގައި ދާދި ފަހުން ނިންމި ނިންމުމާއި ގުޅިގެން އެމަނިކުފާނަށް އިންތިޚާބުގައި ކުރިމަތިލެވޭނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަވަމުން ގެންދަވާ މި ދަނޑިވަޅުގައި ރާއްޖޭގެ ޤާނޫނު އަސާސީ އެކަމަށް ހުއްދަ ނުކުރާ ކަމަށް ވިދާޅުވެ އާޒިމާ ވަނީ އެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.
ދިވެހި ރާއްޖޭގެ ގާނޫން އަސާސީގެ 105 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ރައިސުލްޖުމްހޫރިއްޔާ ކަމަށް އަންނަ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ މައްސަލައެއްގައި އެއް އަހަރަށް ވުރެ ގިނަ ދުވަހަކަށް ހުކުމްކޮށްފައި ހުންނަ މީހަކު އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ތިން އަހަރު ފަހުން ނޫނީ އިންތިހާބަކަށް ކުރިމަތި ނުލެވޭނެ އެވެ.
ދާދި ފަހުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ސަރުކާރުގެ އިސް އެތައް ފަރާތަކުން އެކި ޙަފްލާތަކުގައި އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ދަނީ ވިދާޅުވަމުންނެވެ.