English Edition
Dhivehi Edition

ދެ ކޮރެއާ ދެމެދު 68 އަހަރުވީ ހަނގުރާމަ ރަސްމީގޮތުން ނިމުމަކަށް ގެނެއުމަށްޓަކައި، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ ބައްދަލުކުރެއްވާ މިއަހަރު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ނިންމަވައިފިއެވެ

މި ދެ ލީޑަރުންގެ ފުރަތަމަ ތާރީޚީ ބައްދަލުވުން ދެކޮރެއާ ވަކިކުރާ އިމުގައި ގާއިމްކޮށްފައިވާ، ޑީމިލިޓަރައިޒްޑް ޒޯން ސަރަހައްދުގައި ކުރިއަށް ދިޔައިރު މި މަންޒަރުތަށް ދުނިޔޭގެ ގިނަ މީޑިއާތަކުންވަނީ ވަގުތުން ދުރަށް ދައްކާފައެވެ. ދެ ގައުމު ވަކިކޮށްދޭ ބޯޑަރު ކިމް ހުރަސް ކުރެއްވި ފަހުން، ރައީސް މޫން ޖޭ އިންވެސް ވަނީ ބޯޑަރު ހުރަސް ކުރައްވައި އުތުރު ކޮރެއާގައި ކުޑަ ވަގުތުކޮޅަކަށް މަޑު ކުރައްވައިފައެވެ

މަޝްވަރާތަކުގައި ދެ ލީޑަރުން ވަނީ ‘ޕަންމުންޖޮމް ޑެކްލަރޭޝަން’ގައި ސޮއިކޮށްފައިވާއިރު، އެ ޑެކްލަރޭޝަންގައި ބަޔާންކޮށްފައިވާ ގޮތަށް 1950 އިން 1953 އަށް ދެ ކޮރެއާގެ މެދުގައި ކުރިއަށް ދިޔަ ހަނގުރާމަ ރަސްމީކޮށް ނިންމާލުމުގެ ގޮތުން،ދެ ގައުމުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރަން ވަނީ ނިންމައިފައެވެ

އުތުރު ކޮރެއާގެ ލީޑަރު ދެކުނު ކޮރެއާއަށް މިއަދު ކުރެއްވި ދަތުރުފުޅަކީ 1953 ވަނަ އަހަރުގެ ފަހުން އުތުރު ކޯރިއާގެ ލީޑަރަކު ދެކުނު ކޮރެއާއަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ