English Edition
Dhivehi Edition

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އައްޑޫސިޓީގެ ޕޮލިސް ސްޓޭޝަންތަކުން އައްޑޫސިޓީގައި ޓްރެފިކް އޮޕަރޭޝަންތަކެއް ކުރިއަށްގެންގޮސްފިއެވެ.

އޭޕްރީލް 12ން 18ށް ކުރިއަށްގެންދިޔަ މިއޮޕަރޭޝަންތަކުގައި އައްޑޫސިޓީގެ ހިތަދުއާއި ގަމާއި އަދި ހުޅުމީދޫގެ އެކިހިސާބުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމްކޮށް، އުޅަނދުތައް ބަލައިފާސްކޮށްފައިވެއެވެ. އެގޮތުން ހިތަދޫގައި ދުއްވާ 35 އުޅަނދު ބަލައިފާސްކޮށްފައި ވާއިރު، އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެފައިވާ 7 ފަރާތަކާއިމެދު ފިޔަވަޅުއަޅައި ނަސޭހަތްތެރި ވެފައިވެއެވެ. އަދި މިމުއްދަތުގައި ހިތަދޫގައި އެކްސިޑެންޓެއް ހިނގާފައިވެއެވެ.

ގަން ޕޮލިސް ސްޓޭޝަނުން ގަމުގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންގައި 101 އުޅަނދު ބަލައިފާސްކޮށްފައިވާއިރު އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެފައިވާ 8 ފަރާތަކާއިމެދު ފިޔަވަޅުއަޅައި ނަސޭހަތްތެރި ވެފައިވެއެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހުޅުމީދޫގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންގައި، ހުޅުމީދޫގައި ދުއްވާ 20 އުޅަނދު ބަލައިފާސްކޮށްފައިވާއިރު އެއްގަމު އުޅަނދު ދުއްވުމުގެ ޤަވާއިދާއި ޚިލާފުވެފައިވާ 10 ފަރާތަކާއިމެދު ފިޔަވަޅުއަޅައި ނަސޭހަތްތެރި ވެފައިވެއެވެ.

އައްޑޫސިޓީގެ މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަށް ހެދުމަށް ކުރިއަށްގެންދިޔަ މިއޮޕަރޭޝަންތަކުގައި، އަހަރީ ފީއާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބެލުމުގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައިފައިވެއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އައްޑޫސިޓީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް، އައްޑޫސިޓީގައި ސިލްސިލާކޮށް ދަނީ ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންނެވެ.