މައިލޯ ކަލަރސް އެވޯޑް 2017، 11 ދަރިވަރަކު ޙާސިލްކޮށްފިއެވެ.
މި އެވޯޑް ދެއްވުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވެވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް އެވެ.
މި ރަސްމިއްޔާތުގައި ވަނީ މައިލޯ ކަލާސް އެވޯޑުގެ އެންމެ ފަޚުރުވެރި ވަނަ އިނާމުވެސް ހަވާލުކޮށްފައެވެ. މިފަހަރުގެ މި އިނާމު ހާސިލް ކުރީ އާމިނަތު ނަބާހާ އަބްދުއްރައްޒާގުއެވެ.ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން އެކި ކުޅިވަރުތަކުގައި ހޯދަމުންދާ ކަމިޔާބީތައް ފާހަގަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ދޭ ކަލާސް އެވޯޑުގެ ފަޚުރުވެރި ވަނަ ހޯދުމުގެ އިތުރަށް ނަބާހާ ވަނީ އައުޓް ސްޓޭޑިންގ އެޗީވްމަންޓް ވެސް ހޯދާފައެވެ.ނަބާހާގެ އިތުރުން އައުޓް ސްޓޭންޑިން އެޗީވްމަންޓް އެވޯޑް ހޯދި ދަރިވަރުންނަކީ މުބާލް އައްޒާމް އިބްރާހިމް، ފާތިމަތު ނަބީހާ އަބްދުއްރައްޒާގު، އާމިނަތު ނަބާހާ އަބްދުއްރައްޒާގުގެ އިތުރުން އައިޝަތު ރަފާ ނާޒިމްއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢައިޝަތު ޝިހާމް ވިދާޅުވީ، ކޮންމެ ކުއްޖަކަށް ވެސް ކާމިޔާބީ ލިބޭނީ އެކުއްޖެއްގެ ފަހަތުގައި ކުރަމުންދާ މުހިއްމު މަސައްކަތް ތަކުންކަމަށެވެ. އަދި އެ މިންނެތް މަސައްކަތުން މިއަހަރުގެ މައިލޯ ކަލަރސް އެވޯޑް ހާސިލްކުރި ހުރިހާ ދަރިވަރުންނަށް މިނިސްޓަރ ވަނީ މަރުޙަބާ ވިދާޅުވެފައެވެ.
މި ޙަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ތަފާސް ހިސާބުން ތަކުން ދައްކާގޮތުގައި ރާއްޖެ އަށް ރަން ރިހި މެޑަލް އެންމެ ގިނައިން ލިބުނު އަހަރަކީ ވޭތުވެ ދިޔަ އަހަރު ކަމަށްވާއިރު ލަންކާގެ ނެސްޓްލް އާއި ރާއްޖެ ގުޅިގެން 2014 ވަނަ އަހަރުން ފެށީގެން ބާއްވަމުން އަންނަ މި އެވޯޑް ގެ ސަބަބުން ދަރިވަރުންގެ ހިތްތަކުގައި ކުޅިވަރަށް އޮތް ލޯބި އިތުރުވެފައިކަމަށެވެ.
މިގެ އިތުރުން ސްކޫލުތަކުގެ ޓީޗަރުންނާއި އިސްވެރިން ވެސް ކުދިން ކުޅިވަރަށް އަހުލުވެރިކުރުވުމަށް ކުރިއަށް ވުރެ ރަގަޅަށް މަސައްކަތްތައް ކުރުމަށް މަގުފަހި ކުރި އެވޯޑަކަށް މައިލޯ ކަލަރސް އެވޯޑް ވެގެން ދާނެ ފާހަގަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ 2014 އަހަރުން ފެށިގެން 2017 ވަނަ އަހރުގެ ނިޔަލަށް މި އެވޯޑަށް ކުރިމަތިލާ ދަރިވަރުންގެ ނިސްބަތް 42 އިން ސައްތަ އިތުރުވެފައިވާކަމަށެވެ.
މި އަހަރު މައިލޯ ކަލަރސް އެވޯޑް ގައި 181 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.
ޒަމާނީ ވަޞީލަތްތަކާއި އެކު ދަރިވަރުންގެ ހިތްތަކުގައި ކުޅިވަރަށް ލޯބި ޖެއްސުމަށް މިނސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިން ކޮށްދެއްވާ ބުރަ މަސައްކަތް ފާހަގަކުރައްވާ މިނިސްޓަރ އައިޝަތު ޝިހާމް ވަނީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް އަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ.
މީގެ އިތުރުން ކޮންމެ ދަރިވަރަކީ ވެސް ކިޔަވަ ނިމުމަށްފަހު ޤައުމަށް އަގުހުރި ޚިދުމަތްތަކެއް އެކި ރޮގުން ކޮށްދެއްވާނެ ދަރިވަރަކުންކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ ކުއްޖަކީ ވެސް ޤައުމިއްޔަތަށް ލޯބިކުރާ ބޭނުންތެރި ދަރިއަކަށް ވާން ޖެހޭނެކަމަށެވެ.
މިއަދުގެ ކިޔަވަ ކުދިންނަކީ މާދަމާ ޤައުމަށް ރީތިނަން ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރާނެ ބައެއްކަން ފާހަގަކުރައްވާ މިނިސްޓަރ އިތުރަށް ވިދާޅުވީ، ކޮންމެ ދަރިވަރަކީ ވެސް ޤައުމަށް އެހީ ވާނެ ދަރިއަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މައިލޯ ކަލަރސް އެވޯޑަކީ ސްކޫލު ކުދިންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ރޮނގުން ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހިތްވަރު ދިނުމަށްޓަކައި ދޭ އެވޯޑެކެވެ.
މައިގަނޑު ހަތަރު ކެޓަގަރީން 13 ކުޅިވަރަކުން ކަލާސް އެވޯޑު މި އަހަރު ވަނީ ދީފައެވެ. އެވޯޑު ދެވުނު ހަތަރު ކެޓަގަރީ އަކީ އުމުރުން 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަދި 18 އަހަރުން ދަށުގެ ދަރިވަރުންނަށެވެ. އަދި ކުޅިވަރު ތަކަކީ ފުޓްބޯޅަ، ވޮލީބޯޅަ، އެތްލެޓިކްސް، ބެޑްމިންޓަން، ފެތުން، ބާސްކެޓް ބޯޅަ، ކްރިކެޓް، ނެޓްބޯޅަ، ޓެނިސް، ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ކެރަމް އަދި ޗެސް އިންނެވެ.
ކަލާސް އެވޯޑު ދެނީ ކުޅިވަރުގެ ރޮގުން ސްކޫލު ފެންވަރާއި ޤައުމީ ފެންވަރު އަދި ބައިނަލްއަގުވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތަކަށެވެ.
މައިލޯ ކަލާރސް ރަން ގެ ސްޕޮންސަރުންނަކީ މައިލޯ ކަމަށް ވާއިރު އެންމެ ފުރަތަމަ މައިލޯ ކަލާރސް ރަންގެ އެވޯޑް ދީފައިވަނީ ސްރިލަންކާގައެވެ.