ޖަރުމަން ބުންޑަސް ލީގާގެ ޗެމްޕިއަންކަން ޖެހިޖެހި ގެން ހަވަނަ ސީޒަންގައި ބަޔާން މިއުނިކުން ކާމިޔާބު ކޮށްފިއެވެ.
ބުންޑަސް ލީގާގެ ޗެމްޕިއަންކަން ބަޔާންއިން ހޯދާފައިވަނީ ލީގުގައި ބާކީ ފަސް މެޗު ނުކުޅެ އޮތްވައި ރޭ އައުސްބާގް އަތުން ހޯދި ތިން ޕޮއިންޓާއެކު އެވެ.
ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއި އެކު އެ ޓީމުން ލީގު ކަށަވަރުކުރީ 72 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 52 ޕޮއިންޓާ އެކު އޮތް ޝާލްކާ އަށް ބާކީ އޮތް ފަސް މެޗުން މޮޅުވިޔަސް ގިނަވެގެން ލިބޭނީ 67 ޕޮއިންޓެއެވެ.
ރޭ އައުސްބާގް އާއި ބަޔާން ބައްދަލު ކުރި މެޗު ބަޔާން މުއުނިކުން ކާމިޔާބު ކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ބަޔާންގެ ނިކްލަސް އަތުން ބައިކޮޅަށް ވަތް ލަނޑުން އައުސްބާގަށް ލީޑު ލިބުނު ނަމަވެސް ބަޔާންއިން ވަނީ މެޗުގެ 32 ވަނަ މިނެޓުގައި ކޮރެޓިންގެ ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި ކޮރިޓިން ލަނޑު ޖެހިތާ އޭގެ 6 މިނެޓު ފަހުން ހާމެސް ރޮޑްރިގޭޒް ވަނީ ފުރަތަމަ ހާފް ނިމުގެ ކުރިން ބަޔާންއަށް ލީޑު ހޯދައިދީފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެއެވެ. ދެވަނަ ހާފް ފެށިގެން ވެސް ބަޔާންގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު ޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދިނީ އާޔަން ރޮބެން އެވެ. އަދި ދެވަނަ ހާފް ނިމެން އުޅެނިކޮށް ބަޔާންގެ ހަތަރު ވަނަ ލަނޑު ޖެހީ ސަންޑްރޯ އެވެ.