ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދަކީ “ޖަނަވާރެއް” ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކުރައްވައިފިއެވެ
ބައްޝާރުލް އަސަދަކީ ޖަނަވާރެއް ކަމަށް ސިފަކުރައްވައި ޓްރަމްޕް ވާހަކަފުޅު ދެއްކެވީ، ސޫރިޔާގައި އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދަށް އަސަދުގެ ސިފައިން ދިން ކެމިކަލް ހަތިޔާރުގެ ހަމަލާގައި އެތައްބަޔަކު މަރުވުމާ ގުޅިގެން އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ކުރެއްވި ޓްވީޓްތަކެއްގައެވެ. އަސަދުގެ އިތުރަށް ޕުޓިން އާއި އޮބާމާވެސް ޖަނަވާރުންގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފައެވެ
ސޫރިޔާގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކުރާ ވައިޓް ހެލްމެޓުން ބުނެފައިވަނީ، އަސަދުގެ ސިފައިން އާންމުންނަށް ހަމަލާ ދީފައިވަނީ ވިހަ ކްލޮރިން ގޭހުން ކަމަށެވެ
އެ ހަމަލާގެ ސަބަބުން ނޭވާ ނުލިވެގެން އެތައްބަޔަކު މަރުވެގެން މަގުތަކަށް ވެއްޓިފައި ތިއްބާ ފެނިފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އެ މަންޒަރުތައް ފެންނަ ފޮޓޯތަކާއި ވީޑިއޯވެސް ވައިޓް ހެލްމެޓުން އާންމުކޮށްފައި ވެއެވެ
މަރުވެފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އެތައް ބަޔަކަށް ވިހައިގެ އަސަރުކޮށް ފަރުވާ ދެމުންވެސް އެބަގެންދެއެވެ
އަސަދުގެ ސިފައިން ދޫމާއަށް ކެމިކަލް ހަމަލާއެއް މިދިނީ، 2017 ވަނަ އަހަރުވެސް މިފަދަ ހަމަލާއެއް ދިނުމާ ގުޅިގެން ޓްރަމްޕްގެ އަމުރަށް އެމެރިކާ ސިފައިން ސޫރިޔާ ސިފައިންގެ ބޭހަކަށް ކްރޫޒް މިސައިލް ހަމަލާތަކެއްދީ އެ ބޭސް ހަލާކުކޮށްލިތާ އެއް އަހަރާއި އެއްދުވަސްވީ ތަނާއެވެ