ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓުން ބަލިކުރައްވައިގެން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް މޫސާ މަނިކު ޕީޕީއެމަށް ސޮއިކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ކަމަށް އެމަނިކުފާނު ވަޑައިގެންނެވީ ސްޕްރީމްކޯޓު މެދުވެރިކޮށް ކަމަށް އިދިކޮޅު ބައެއް ފަރާތްތަކުން ބުނަމުންދަނިކޮށްނެވެ. ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ސްޕްރީމް ކޯޓުން ކުރެއްވި ކަމަކީ ގައިޑުލައިނެއް ކަނޑައެޅުއްވުން ކަމަށްވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އެއަށް އަމަލުކޮށް އިދިކޮޅު ކެންޑިޑޭޓު ބަލިކުރައްވައިގެން ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ފަހުބުރުގައި ރައްޔިތުންގެ ވޯޓާއެކު އެމަނިކުފާނު ކާމިޔާބު ކުރެއްވީ “ހަމަ ސަޅިކޮށް ބަލިކޮށްލާފައި” ކަމަށެވެ. އެއީ ސްޕްރީމްކޯޓުން ކުރެއްވި ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުރިއަށްއޮތް ރިޔާސީ އިންތިޚާބާ ގުޅިގެން އެމަނުކުފާނު ވިދާޅުވީ ޕީޕީއެމްތެރޭގައި ރިޔާސީ ޕްރައިމަރީއެއް ބާއްވާނެ ކަމަށެވެ.