English Edition
Dhivehi Edition

މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ސްވިޑެންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އެމެރިކާގެ ކްލަބް އެލްއޭ ގެލެކްސީއަށް ބަދަލުވާން ނިންމައިފި އެވެ.

އުމުރުން 36 އަހަރުގެ އިބްރަހިމޮވިޗް އެލްއޭ ގެލެކްސީއާއި ގުޅެން ނިންމާފައިވަނީ އެނާ މެންޗެސްޓަ ޔުނައިޓެޑް އާއި އެކު ހަދާފައިވާ އެއްބަސްވުން މާޗް 24 ފެށިގެން ނިމުމަކަށް ގެނެސްފައިވުމުންނެވެ.

އަނިޔާގެ ގިނަ މައްސަލަތަކާއި ކުރި މަތިވެފައިވާ އިބްރަހިމޮޗް ޔުނައިޓެޑް އާއި އެކު ހަދާފައިވާ އެއްވަސްވުން ހަމަވާނީ މި ސީޒަނުގެ ނިޔަލަށެވެ.އެހެން ނަމަވެސް ޔުނައިޓެޑުން ވަނީ އޭނާގެ އެއްބަސްވުން އުވާލާ ފްރީ އެޖެންޓް އެއްގެ ގޮތުގައި އޭނާ ދޫކޮށްލާފައެވެ.

ޕީއެސްޖީގައި ފަސް އަހަރު ހޭދަކުރުމަށްފަހު އިބްރަހިމޮވިޗް ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު ޔުނައިޓެޑަށް ބަދަލުވި އިބްރާހިމޮވިޗް ވަނީ މިލާން އަދި ބާސެލޯނާއަށް ވެސް ކުޅެފައެވެ.

ޔުނައިޓެޑަށް ބަދަލުވުމަށް ފަހު އޭނާ ވަނީ ކުޅުނު 33 މެޗު ގައި 17 ގޯލް ޖަހައި ޔުނައިޓެޑާއެކު ލީގު ކަޕްގެ އިތުރުން ޔޫރޮޕާ ލީގުވެސް ކާމިޔާބު ކޮށްފައެވެ. އެހެން ނަމަވެސް ޔުނައިޓެޑްގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ އިބްރަހިމޮވިޗް އަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ މިދިޔަ އޭޕްރީލް މަހު ޔުރޮޕާ ލީގުގައި ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ދިގު މުއްދަތަކަށް ކުޅުމާ ދުރަށްދާން ޖެހުމުންނެވެ.

ގައުމީ ޓީމުން ވެސް އަމިއްލައަށް ކުޅުން ހުއްޓާލަފައިވާކަން އިއުލާންކޮށްފައިވާ އިބްރަހިމޮވިޗް ޖޫން މަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕަށްދާ ސްވިޑެން ޓީމުގައި އިބްރަހިމޮވިޗް ހިމެނުމުގެ ފުރުސަތު އެބައޮތެވެ. އޭނާ އެލްއޭ ގެލެކްސީއާ ގުޅުމުގެ އެންމެ ބޮޑު ބޭނުމަކީ އެއީ ކަމަށް މީޑިއާތަކުން ބުނެއެވެ.

ޔުނައިޓެޑް ދޫކޮށްލިކަން ރަސްމީކޮށް އިއުލާންކުރަމުން އިބްރަހިމޮވިޗް ކޮށްފައިވާ އިންސްޓާގްރާމް ޕޯސްޓްގައި އޭނާ ބުނެފައިވަނީ ޔުނައިޓެޑާއެކު ހޭދަކުރީ އުފާވެރި ދުވަސްތަކެއް ކަމަށާއި، ކުޅުންތެރިންނާއި ހުރިހާ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަނިޔާއިން ރަނގަޅުވެ މި ސީޒަނުގައި އިބްރަހިމޮވިޗް ވަނީ ކުޅެފަ އެވެ. އެހެން ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ބާންލީއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން އަނެއްކާވެސް އިބްރަހިމޮވިޗް ވަނީ ކުޅުމާ ދުރަށްދާން ޖެހިފައެވެ.