English Edition
Dhivehi Edition

ޑައުން ސިންޑްރޯމް އަކީ އުފެދުމުގައި ހުންނަ ޢައިބެއްކަމުން މިއީ މުޅި އުމުރަށް ހުންނާނެ ބައްޔެކެވެ. މިއީ ވަކި ޚާއްޞަ ފަރުވާއެއް އޮންނަ ބައްޔެއް ނޫނެވެ.

މިބަލީގެ ފަރުވާ އަކީ ބަލިކުދިންނާއި އަޅާލައި އޯގާތެރިކޮށް ކަންތައް ކުރުމާއި، އެކުދިންނަށް ފަސޭހަވާނެ ހެން އެކި ކަންކަން ބައްޓަން ކޮށްދިނުމެވެ. އެކުދިންނަށް ބޭނުންވާ އެކި ކަހަލަ ބޭނުންތައް ފުދޭނެ ގޮތް ހަމަޖައްސައިދީފައި ހުރުމެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް އެންމެ ކުޑައިރުއްސުރެ ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ބެލެހެއްޓުމަކީ މުހިއްމު ކަމެކެވެ. އެފަދަ ކުދިންނަށް ބޭނުންވާނެ ޚިދުމަތްތައް އެކިއެކި ސިފަސިފައިގައި ގާއިމްކުރެވެން ޖެހެއެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކަށް ބޭނުންވާނެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ފިޒިކަލް ތެރަޕީ، ސްޕީޗް ތެރަޕީ، އަދި އޮކިޔުޕޭޝަނަލް ތެރަޕީ އެވެ. ސްޕީޗް ތެރަޕީ އަކީ ވާހަކަ ދެއްކުމުގެ ހުނަރު ރަގަޅުކުރުމަށް އެހީވެދޭނެ މަގެކެވެ. ފިޒިކަލް ތެރަޕީ އަކީ ތަފާތު ޖިސްމާނީ ހަރަކާތްތައް ރަގަޅުކޮށްދޭނެ ކަމެކެވެ. އޮކިޔުޕޭޝަނަލް ތެރަޕީ އަކީ ދިރިއުޅުމުގައި ދިމާވާ އެކިއެކި ކަންކަން ފުރިހަމަކުރުމަށް ލިބިދޭ ބާރަކަށްވާނެ ކަމެކެވެ. އެހެން ކަމުން މިފަދަ ޚިދުމަތްތައް އެކުދިންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖެހިފައި ހުރުން މުހިއްމެވެ.

ޑައުން ސިންޑްރޯމް އާއި ގުޅިގެން އުފެދޭ އައިބުތަކުގެ ތެރެއިން އުފެދުމުގައި ހިތުގައި ހުންނަ ޢައިބުތައް ފިޔަވައި އެހެން ގިނަ ކަންތައްތައް އޮޕަރޭޝަންކޮށްގެން ރަގަޅު ކުރެވެއެވެ. އަދި އެފަދަ މީހުން ބޮޑުވެ ފުރާ ފުރިހަމަ މީހެއްގެ ގޮތުގައި އުޅުމުގެ ގާބިލިއްޔަތު ލިބިގެންދެއެވެ. އާންމުކޮށް ޑައުން ސިންޑްރޯމް ޖެހިފައި ތިބޭ މީހުންނަކީ އުމުރު ކުރު ބައެކެވެ. ފާހަގަ ކުރެވިފައިވާ ގޮތުގައި އެމީހުންގެ އުމުރު އުޅެނީ 55 އަހަރުން ދަށުގައެވެ. މިހެން ދިމާވާ މައިގަނޑު ސަބަބެއް ކަމަށް ފާހަގަ ކުރެވިފައިވަނީ އުމުރުން ދުވަސްވުމުން ކުރިމަތިވާ ”ޑިޖެނެރޭޓިވް ކަންޑިޝަން” ނުވަތަ ހަށިގަނޑުގެ ސެލްތައް ހަލާކުކޮށްނެތިދާ މަރުޙަލާ މާއަވަހަށް ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް ކުރިމަތިވާތީ އެވެ. އަދި އެމީހުންނަކީ ސިނކުޑީގައި އުނިކަމެއް ހުންނަ ބަޔަކަށް ވެފައި ގިނަ ފަހަރު އަމިއްލަ އިޚްތިޔާރު ގައި ކަންކަން ކުރަން ނޭނގޭ ބަޔަކަށް ވާތީ އެވެ.

މި ކުދިން ބާކީނުކޮށް އަޅާލުމާއި ލޯބި ލިބޭ މުޖުތަމައެއް ގާއިމް ކުރުމަކީ މުހިންމު ކަމެކެވެ.