English Edition
Dhivehi Edition

ޑައުންސިންޑްރޯމް އަކީ އުފެދުމުގައި ދިމާވާ ހާލަތެކެވެ. މިއީ ކްރޮމޮސޯމް ތަކަށް އަންނަ ބަދަލަކާއި ގުޅިގެން މެދުވެރިވާ ގުދުރަތީ ކަމެކެވެ

މިހާލަތަށް ޓްރިސޮމީ21 ވެސް ކިޔާ އުޅެއެވެ.މިހެން ކިޔަނީ 21 ވަނަ ޖޯޑުގައި 2 ކްރޮމޮސޯމްގެ ބަދަލުގައި 3 ކްރޮމޮސޯމް ހުންނާތީ އެވެ. ކްރޮމޮސޯމް އެއްގައި ހުންނަ އައިބެއްގެ ސަބަބުން އުގެނުމުގައި އުނދަގޫތައް ކުޑަކުދިންނަށް މެދުވެރި ކުރުވާ އެންމެ އާންމު ސަބަބެއްކަމަށް ބެލެވިފައިވަނީ ޑައުން ސިންޑްރޯމް އެވެ.

ޑައުން ސިންޑްރޯމް ހުންނަ ކުދިންނަކީ އެހެން ކުދިންނަށްވުރެ ހެދިބޮޑުވުން ލަސްކުދިންނެވެ. ހެދިބޮޑުވުމުގެ މަރުހަލާތަކުގައި ހިނގާ ތަފާތު ކަންތައްތައް ޑައުން ސިންޑްރޯމް ހުންނަ ކުދިން ފުރިހަމަކުރާލެއް ނިސްބަތުން އެތައް ގުނައެއް ލަސްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ކޮންމެވެސް ވަރަކަށް އުގެނުމުގައި އަދި ދޭހަވުމުގައި އުނދަގޫތައް ހުރުމަކީ ވެދާނެ ގޮތެކެވެ. އުޅުމާއި ސުލޫކުގައި އެހެން ކުދިންނާއި ތަފާތުގޮތްތަކެއް ހުރެދާނެ އެވެ.

އަދި ގިނަ ފަހަރު އުމުރުގެ އެހެން ކުދިންނަށްވުރެ އިސްކޮޅުން ކުރުވެދާނެ އެވެ. ޑައުން ސިންޑްރޯމް ހުންނަ މީހުންގެ ތެރެއިން 40 އިންސައްތަ މީހުންނަށް އުފެދުމުގައި ޖެހޭ ހިތުގެ ބަލިތައް ހުންނަކަމަށް ވަނީ ފާހަގަ ކުރެވިފައެވެ.

ބަލިވެ އިންނައިރު މައިމީހާގެ އުމުރުން މަތިވުމަކީ (35 އަހަރަށްވުރެ މަތިވުން) ޑައުން ސިންޑްރޯމް ހުންނަ ކުދިން ލިބުމުގެ ފުރުޞަތު އިތުރުކޮށްދޭ ކަމެކެވެ. އުމުރުން 35 އަހަރު ވުމަށްފަހު ބަލިވެ ތިބޭ އަންހެނުންވިހާ ކޮންމެ 350 ކުދިންގެ ތެރެއިން 1 ކުއްޖަކަށް ޑައުން ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އުމުރުން 40 އަހަރުވުމަށްފަހު ބަލިވެ ތިބޭ އަންހެނުން ވިހާ ކޮންމެ 100 ކުދިންގެ ތެރެއިން 1 ކުއްޖަކަށް ޑައުން ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ. އަދި އުމުރުން އުމުރުން 45 އަހަރުވުމަށްފަހު ބަލިވެ ތިބޭ އަންހެނުން ވިހާ ކޮންމެ 30 ކުދިންގެ ތެރެއިން 1 ކުއްޖަކަށް ޑައުން ސިންޑްރޯމް ކުރިމަތިވުމުގެ ފުރުޞަތު އޮވެއެވެ.

ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔެއަށް އުފަންވާ ކޮންމެ 830 ކުދިންގެ ތެރެއިން އެއް ކުއްޖަކީ ޑައުން ސިންޑްރޯމް ކުރިމަތިވެފައިވާ ކުއްޖެކެވެ.

މި ކުދިންނަކީ އެހެން ކުދިންނަށްވުރެ ހެދިބޮޑުވުމުގައި ލަސްކަމެއް ހުންނަ ކުދިންނެވެ. އުޅުމާއި ސުލޫކުގައި އެހެން ކުދިންނާއި ތަފާތުގޮތްތަކެއް ހުރެދާނެ އެވެ. މިސާލަކަށް ކަންކަމަށް ސަމާލުކަންދޭލެއް ކުޑަވެދާނެ އެވެ. މާހަލަނިކޮށް އުޅެފާނެ އެވެ. ގޮތްދޫނުކުރާގޮތް ހުރެދާނެ އެވެ. ކުއްލިއަކަށް ރުޅިއައިސް ހިތްހަމަނުޖެހިގެން އުޅެދާނެ އެވެ. މަޑުން ހިމޭނުން ހުންނަން އުދަނގޫވެދާނެ އެވެ. ޑައުން ސިންޑްރޯމް ހުންނަ ބައެއް ކުދިންގެ ކިބައިން “އޯޓިޒަމް”ގެ އަސަރު ފެންނަކަން ފާހަގަ ކުރެވެއެވެ. ޑައުން ސިންޑްރޯމް ހުންނަ މީހުންނަށް އުމުރު ގެ ފަހުކޮޅަށް އެޅުމުން ހަދާންނެތޭ ބައްޔެއް ކަމުގައިވާ “އަލްޒައިމާ ބަލި” ޖެހުމުގެ ފުރުޞަތު ބޮޑެވެ.

ބަނޑުގައިވާ ދަރިފުޅަކީ ޑައުން ސިންޑްރޯމް ކުރިމަތިވެފައިވާ ކުއްޖެއްތޯ ބެލުމަށް މާބަނޑު ދުވަސްވަރު ޓެސްޓުކުރެވިދާނެ އެވެ.