English Edition
Dhivehi Edition

ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ބޮޑުތަކުރުފާނު މަގުގައި ހުރި ބައެއް ގާޑިޔާތައް، ވަގުތީގޮތުން ކާނިވާ ސަރަހައްދަށް ބަދަލުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ރޯޑް ރީޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން މާލޭ ރިންގު ރޯޑުގެ މަސައްކަތްތައް ކުރިއަށް ގެންދަމުންދާތީވެ މިއަދުން ފެށިގެން ބޭރު މަގުގައި ހުރި 37 ގާޑިޔަލެއް ހަތަރު ސަރަހައްދަކަށް ވަގުތީގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވެއެވެ.

އެގޮތުން އޭގެ ތެރެއިން 18 ގާޑިޔަލެއް ކާނިވާ ސަރަހައްދަށް ބަދަލުކުރިއިރު، މަސްވެރިންގެ މައިދާނަށާއި އާ ސަހަރާ ފުރަގަހަށް 8 ގާޑިޔަލެއް ބަދަލުކޮށް ވެސްޓް ޕާކް އަދި އެސްޓީއޯ ހެޑް އޮފީސް ދެމެދުގައިވާ ގޯޅިއަށް 3 ގާޑިޔަލެއް ވަނީ ބަދަލުކޮށްފައެވެ.

އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަހުގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެކުރީން ވަނީ ވިދާޅުވެފައެވެ.

ތާރު އަޅައިގެން ހަދަން ނިންމާފައިވާ މަގުތައް ބްރިޖު ނިމެން ވާއިރަށް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ވެސް ނިމޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.