ރާއްޖޭގައި ހުޅުވާފައިވާ ބޭންކްތަކުގެ ސީނިއަރ މެނޭޖްމަންޓްގައި ދިވެހިންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން ހުރިހާ ބޭންކްތަކެއްގެ ސީއީއޯ ނުވަތަ ޑެޕިއުޓީ ސީއީއޯގެ މަޤާމަށް މިހާރުވަނީ ދިވެހިން ހަމަޖައްސައި ގާތްގަނޑަކަށް ނިމިފައި ކަމަށް އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވެއްޖެއެވެ. ގަވަރުނަރު ޑރ. އާޒިމާ އާދަމް މިހެން ވިދާޅުވީ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017 ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެކްސްޕޯއަކީ އާންމުންގެ މެދުގައި މާލީ އަދި އިގްތިސާދީ ކަންކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކޮށް، މާލީ އިދާރާތަކާއި އާންމުންގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިކުރުމަށް ބާއްވާ ދެވަނަ އެކްސްޕޯއެވެ. މި އެކްސްޕޯގައި ގެދޮރު ގަތުމަށާއި އަމިއްލަ ފަރާތްތަކުން ބިންތަކުގައި އިމާރާތް ކުރުމަށް ހުރި ފުރުސަތުތަކާއި، މާލީ އިދާރާތަކުން އެކަމަށް ފައިނޭންސް ހޯދޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ. އޭގެ އިތުރަށް މާލީ އިދާރާތަކުން ދޭ ޚިދުމަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި، ބައެއް ޚިދުމަތްތަކުގެ އެޕްލިކޭޝަން ފޯމް ބަލައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެކްސްޕޯ ކުރިއަށްދާއިރު މާލީ އިދާރާތަކުން އަލަށް ތަޢާރަފްކުރާ ޚިދުމަތްތައް އިފްތިތާހުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރަށް އިގްތިސާދާއި، މާލީ ކަންކަމާބެހޭ ގޮތުން މައުލޫމާތު ދިނުމާއި، ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން އާންމުންނަށް ހުޅުވާލެވިގެން ތަފާތު ސެމިނަރތަކެއްވެސް ކުރިއަށް ދާނެއެވެ. މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2017 ކުރިއަށްދާނީ ޖުލައި މަހުގެ 6 އިން 8 އަށް ދަރުބާރުގޭގައެވެ. މިއަހަރުގެ އެކްސްޕޯގެ އެސޯސިއޭޓް ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. އެކްސްޕޯގެ ތީމަކީ “ހައުސިން އެންޑް ފައިނޭންސް” އެވެ. މިއަހަރުގެ އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި ރާއްޖޭގައި ޚިދުމަތްދޭ ހުރިހާ ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި، މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)، ކެޕިޓަލް މާކެޓް ޑެވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ހިމެނެއެވެ. އޭގެ އިތުރަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ)، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ)، މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓް، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)، ދިރާގު އަދި އޫރިދޫ ހިމެނެއެވެ. މީގެ އިތުރަށް ރިއަލް އެސްޓޭޓް ޑިވެލޮޕަރސް އާއި ކޮންޓްރެކްޓަރުން އަދި އާކިޓެކްޓުންނާއި އިންޓީރިއަރ ޑިޒައިނަރުންނާ އެކު ޖުމްލަ 30 އަށް ވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ.