English Edition
Dhivehi Edition

ފުލުހުންގެ ބަންދުގައި ތިބޭ މީހުން، ވަކީލުންނާ ބައްދަލުކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި އެވެ.

ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒު ސޮއި ކުރައްވައި މިއަދު ނެރުނު އެންގުމެއްގައި ބުނީ ފުލުހުންގެ ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމުގައި އާ ގޮތްތަކެއް ހަމަޖެއްސީ ވަކީލުންގެ ފުރުސަތު ހޯދާ މިންވަރު އިތުރު ވަމުން އަންނާތީވެ އެންމެންނަށް ވެސް ހަމަހަމަ ކަމާއެކު އެ ފުރުސަތު ދޭން ކަމަށެވެ.

މާދަމާއިން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން ގެނައި އެންމެ ބޮޑު ބަދަލަކީ އާއިލާގެ ސިޓީއަކާއެކު ނޫނީ ވަކީލުންނަށް ގައިދީންނާ ބައްދަލު ނުކުރެވުމެވެ.

އާއިލާގެ ހުއްދަ ނޫނީ އެނގުމެއް ނެތި އަދި ވަކީލުން އަމިއްލައަށް ބޭނުން ވެގެން ވެސް، ކުރިން ގައިދީންނާ ބައްދަލު ކުރެވުނު ނަމަވެސް، އާ އުސޫލުގެ ދަށުން އެކަން ކުރެވެނީ އެ ވަކީލަކު ހަމަޖައްސަން ބޭނުން ކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ސިޓީއެއް ފޮނުވުމުންނެވެ. އަދި ވަކީލު ބައްދަލުވުމަށް ދާއިރު އެ ސިޓީ ހިފައިގެން ދިޔުމަށް ވެސް އަންގާފައިވެ އެވެ.

އޭގެ އިތުރުން، ގައިދީންނާ ބައްދަލު ކުރުމަށް ވަކީލުންނަށް ދީފައި އޮންނަ ވަގުތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ.

މިދިޔަ މަހު ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ގައިދީންނާ ބައްދަލުކުރުމަށް ވަކީލުންނަށް ދީފައިވަނީ ބައި ގަޑިއިރުގެ ވަގުތެވެ.

ފުލުހުން ބުނީ ބައްދަލުވުން އޮތީ މާލޭން ބޭރުގައި ނަމަ، އެ ބައްދަލުވުމަށް ދިޔުމަށް އެއް ގަޑިއިރު ދޭނެ ކަމަށެވެ. އެކަމަކު ގައިދީއާ ބައްދަލު ކުރެވޭނީ 30 މިނިޓަށް ކަމަށާއި ލަހުން ބައްދަލު ކުރެވުނު ނަމަވެސް ވަގުތު ލިބޭނީ އެ 30 މިނިޓުން ބާކީވާ ވަގުތު ކަމަށް ބުނެފައި ވެ އެވެ. އަދި ބައްދަލުވުން ނިންމުމަށް ފަހު، ވަކީލުން ޖަލުގައި ތިބޭ އެހެން މީހުން ކައިރިއަށް ގޮސް ވާހަކަ ދެއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން ކުރިން ހެނދުނު ނުވައަކުން ހަވީރު ހައެއް ޖަހަންދެން ބައްދަލުކުރުމަށް ދީފައި އޮތް ފުރުސަތު ވަނީ ހަވީރު ފަހަކަށް ކުރުކޮށްފަ އެވެ.

ފުލުހުން ގެނައި މި އާ ބަދަލާ މެދު ބައެއް ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ މީހުން ބުނާގޮތުގައި މިއީ ވަކީލުންނަށް އުނދަގޫ ކުރުމަށް ފުލުހުން އެޅި ފިޔަވަޅެކެވެ.

އެކަމަކު ފުލުހުން ބުނީ މި އެންގުމާ ހިލާފުވާނަމަ، ބައްދަލުވުން ކެންސަލް ކުރުމުގެ އިހްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށެވެ.

މިދިޔަ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، މާލެ އާއި އެކި ރަށްރަށުގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުން އަންނައިރު، މުޒާހަރާގެ ތެރެއިން މިހާތަނަށް ވަނީ ގިނަ ބަޔަކު ހައްޔަރުކޮށްފަ އެވެ.