ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ޢަބްދުﷲ ދިރިއުޅުއްވަމުން ގެންދަވާ ހ. ސިސިލްހިޔާގެ އެޕާޓްމަންޓަށް ފުލުހުންވަދެ ފާސް ކުރަން ފަށައިފިއެވެ.
ފުލުހުން އީވާގެ އެޕާޓްމަންޓް ފާސް ކުރައްވަމުން ގެންދަވާ އިރު ،މިއަދު ވަނީ އެ ކަމަނާގެ ފިރިކަލުން އަޙުމަދު ޝާހިދު(ސާބެ) ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަވާފައެވެ. ސާބެއަކީ އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެމްބަރެކެވެ. އަދި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރެއްވެސް މެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބާއި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ޙަސަން އަޙުމަދު(ހަސަންޓޭ)އާއި އެމްޑީޕީގެ އެކްޓިވިސްޓް ޙުސައިން ވެސް މިއަދު ހައްޔަރުކޮށްފައެވެ. ފުލުހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަޙުމަދު ޝިފާން ވިދާޅުވީ މި އެންމެންވެސް ހައްޔަރުކޮށްފައިވަނީ، މާލެ ތެރޭގައި އަލިފާން ޖަހާ، މާލެތެރޭގައި ހަމަނުޖެހުން ހިންގުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި ކަމަށެވެ. ޝިފާން އިއްވެވި ބަޔާނެއްގައި މިރެއާއި މާދަމާ މާލެތެރޭގައި ހަމަނުޖެހުން ނަގާލުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމުގައި ވަނީ ވިދާޅުވެފައެވެ.
އެގޮތުން މާލޭގެ އެކިތަންތަނާއި ދައުލަތުގެ އިމާރާތްތަކާއި ތަންތަނުގައި އަލިފާން ރޯކޮށް، ފައިސާ ދީގެން މާލޭގައި މާރާމާރީ ހިންގާ މާލޭގެ ހަމަނުޖެހުން ނަގާލުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާކަމަށް ޝިފާން ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ޝިފާން ވިދާޅުވިއެވެ. މީގެ އިތުރުން ޤާނޫނީ ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަށް މަސައްކަތް ކުރުމަށް ހިތްވަރުލިބޭފަދަ ކަންކަންވެސް ރާވަމުން ގެންދާކަމަށް ޝިފާން ވިދާޅުވިއެވެ. މާލެ ތެރޭގައި ހަމަނުޖެހުން ހިންގުމަށް ކުރަމުން ގެންދާ މަސައްކަތް ފުލުހުން ހުއްޓުވާނެ ކަމަށާއި، އެކަންކަމަށް ފުލުހުން ފުރުޞަތު ނުދޭނެ ކަމަށްވެސް ޝިފާނު ވަނީ ވިދާޅުވެފައެވެ.