ގެވެށި އަނިޔާ ލިބޭ އަންހެނުންގެ ނިސްބަތް ރާއްޖޭގައި އަދި ވެސް ގިނަ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން މުޖުތަމައުއަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވައިފައިވާ އަންހެނުންގެ އަގު ވަޒަންކޮށް ރެހެންދި އެވޯޑް ދިނުމަށް ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒެނީޝާ ވިދާޅުވީ ގެވެށި އަނިޔާ ލިބޭ އަންހެނުންގެ ނިސްބަތް ގިނަވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
“ގޭތެރޭގައި އަންހެނަކު އަނިޔާ ތަހައްމަލު ކުރަމުންދާ އިރު ދަރިންނަށާއި އާއިލާއަށް އޭގެ ސަބަބުން ކުރާ އަސަރުތަކަކީ ގިނަ ދުވަސްތަކަކަށް ދެމިގެންދާ ކަމެއް. އަދި މިއީ ދުޅަހެޔޮ އާއިލާއަކާ މުޖުތަމައުއެއް ބިނާކުރުމަށް ކުރާ މަސައްކަތަށް ބޮޑު ގޮންޖެހުމެއް،” ޒެނީޝާ ވިދާޅުވި އެވެ.
ޒެނީޝާ ވިދާޅުވީ ގެވެށި އަނިޔާގެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް މިހާރު ވެސް ޖެންޑާ މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށާއި އަދި އަނިޔާގެ ގިނަ މައްސަލަަތަކަކީ ގޭތެރޭގައި ހިނގާ މަަސައްކަތްތަކަށްވާތީވެ ރާއްޖެތެރޭގެ ގޭގެއަށް ގޮސް މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަނިޔާ ލިބޭ އަންހެނުން އެ މައްސަލަަތައް ރިޕޯޓްކުރުމަށާއި އަދި އެ މައްސަލަތައް ރިޕޯޓްކުރުމަކީ އެހެން އަންހެނުންނަށް ވެސް އެކަމުން ހިތްވަރު ލިބެގެންދާނެ ކަމެއް ކަމަށް ވެސް ޒެނީޝާ ވިދާޅުވި އެވެ.