2018ވަނަ އަހަރުގެ މަރަދޫ ސްކޫލުގެ ކެޕްޓަނަކަށް އެ ސްކޫލުގެ ގްރޭޑު 8ބީގެ ދަރިވަރު އަޙްމަދު ސަޖުއާން ޝައުޒޫން ހޮވިއްޖެއެވެ. ސްކޫލު ކެޕްޓަނަކަށް ސަޖުވާނު ހޮވުނުއިރު 2018 ވަނަ އަހަރުގެ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަނަކަށް ހޮވުނީ އެސްކޫލުގެ ގްރޭޑް 8އޭގެ ދަރިވަރު ހައްވާ ސަވާ އިބްރާހީމެވެ
މިކަން އިޢުލާނު ކުރެވުނީ ރޭ މަރަދޫ ސްކޫލުގައި ބޭއްވި އެ ސްކޫލުގެ ދަރިވަރުންގެ ތެރެއިން އިސް މަޤާމުތަކަށް ހޮވުނު ދަރިވަރުންނާއި ސްކޫލުގެ ޕީޓީއޭގެ އިފްތިތާޙީ ޖަލްސާގައެވެ
ރޭގެ މިޖަލްސާގައި އެ ސްކޫލުގެ އިސް މަޤާމުތަކަށް ހޮވުނު ހުރިހާ ދަރިވަރުންނަށް މަޤާމާއި، ހަނދާނީ ލިޔުމާއި ސޭޝް ޙާވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާނާ އިސްލާމިކު ޔުނިވާސިޓީ (އައިޔޫއެމް)ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ ޑރ. މަރްޔަމް ޝަހްނީޒާ ނަސީރެވެ
މި ޖަލްސާގައި މިއަހަރުގެ މަރަދޫ ސުކޫލުގެ ޕީޓީއޭގެ ނައިބުރަޢީސާއަކަށް ހޮވުނު ސ.މަރަދޫ ރޯޒަރީ އަލްފާޟިލާ ފާތުމަތު ވަޙީދުގެ ނަންވެސް އިޢުލާނު ކުރެވުނެވެ. ފާއިތުވީ އަހަރުވެސް އެސްކޫލުގެ ޕީޓީއޭގެ ނައިބުރައީސާގެ މަޤާމުގައި ހުންނެވީ ފާތުމަތު ވަޙީދެވެ. ޕީޓީއޭގެ މެމްބަރުންނަށް މަޤާމު ޙަވާލުކޮށްދެއްވީ މަރަދޫފޭދޫ ސުކޫލުގެ ޕްރިންސިޕަލް އަލްފާޟިލާ ފާތުމަތު ހަފްސާއެވެ
.
މިޖަލްސާގައި ސުކޫލުގެ ފާއިތުވީ އަހަރުގެ ޕީޓީއޭގެ ރިޕޯޓު އިއްވެވުންވެސް އޮތެވެ. ރިޕޯޓު އިއްވެވީ ޕީޓީއޭގެ މެމްބަރު ސާއިޤާ މުޙައްމަދެވެ.
ޝަރަފުވެރި މެހުމާނާ ޑރ ޝަހުނީޒާ ދަރިވަރުންނާއި މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންނަކީ ޤައުމުގެ ވިންދުކަމަށާއި ޤައުމުގެ ކުރިމަގު ބިނާކުރުމުގައި ދަރިވަރުންނަކީ ވަރަށް މުހިއްމު ބައެއްކަން ހާމަކުރެއްވިއެވެ. އަދި އެކަމާނެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއެރުއްވުމަށް ރަޢީސުލްޖުމުހޫރިއްޔާ ޔާމީނު ޢަބްދުލް ޤައްޔޫމް ކުރައްވާ މަސައްކަތްޕުޅު ފާހަގަ ކުރައްވައި އެމަނިކުފާނަށް ޝުކުރު ދެންނެވިއެވެ
މިޖަލްސާގައި ސުކޫލުގެ ޕްރިންސިޕަލް ޢަބްދުއްލަޠީފު ޢަލީ ދެއްކެވި ވާހަކަފުޅުގައި މަޤާމުތަކަށް އިސްކުރެވުނު ދަރިވަރުންނަށް ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ފާއިތުވި އަހަރުގެ ޕީޓީއޭގެ މެމްބަރުން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި ފާއިތުވީ އަހަރުގެ ޕީޓީއޭގެ އެންމެހައި މެމްބަރުނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިއަހަރު އަލަށް ހޮވުނު ޕީޓީއޭގެ މެމްބަރުންނަށް މަރުޙަބާ ދަންނަވައި މިއަހަރުގެ ޕީޓީއޭގެ ފަރާތުންވެސް އެފަދަ އެއްބާރުލުމަކަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ
މިޖަލްސާގައި ސުކޫލުގެ ކެޕްޓަނަކަށް ހޮވުނު އަޙްމަދު ސަޖްއާން ޝައުޒޫނާއި ޕީޓީއޭގެ ނާއިބްރައިސާ އަލްފާޟިލާ ފާތުމަތު ވަޙީދުވެސް ވާހަކަދެއްކެވިއެވެ
.
ރޭގެ މިކުލަގަދަ ރަސްމިއްޔާތުގައި ސްކޫލްގެ ކޮޔާރގެ ފަރާތުން ޝަރަފުވެރިމެހުމާނަށް މަރްޙަބާގެ ލަވައެއް ހުށަހަޅާދެވުނެވެ. އަދި ޖަލްސާ ހުށަހަޅައި ޝުކުރުދެންނެވުނީ ސުކޫލުގެ ބައެއް ދަރިވަރުންގެ ފަރާތުން ކިޔުނު ރީތި ބަދިތަކުންނެވެ
މަރަދޫގެ އިސް ފަރާތްތަކާއި ސުކޫލުގެ ބެލެނިވެރިންނާއި ޓީޗަރުންވެސް ބައިވެރިވި މި ޖަލްސާ ނިމުނީ ޖަލްސާގެ އެންމެހާ ބައިވެރިންގެ ބައިވެރިވުމާއެކު ޤައުމީ ސަލާމުންނެވެ
.