English Edition
Dhivehi Edition

އިންޑިއާގެ ބެންގަލޫރުގެ ރޭލެއްގައި ދަތުރު ކުރަމުން ދިޔަ 13 ފަސިންޖަރުންނަށް މަސްތުވާ ޒާތުގެ އެއްޗެއް އަޅާފައި ހުރި ބިސްކޯދު ތަކެއް ކާންދީ ހޭނެއްތުމަށްފަހު އަތުގައި ހުރި ގަހަނާއާއި ފައިސާ ފޭރިގެންފިއެވެ.

ޖޯދުޕޫރު އަވަށުން ދަތުރު ފެށި ޔަޝްވަންތްޕޫރު އެކްސްޕްރެސް ރޭލުގައި ޒުވާން ފިރިހެން ކުދިންތަކެއް ފަސިންޖަރުންނަށް ބިސްކޯދުތަކެއް ވިއްކިއެވެ. އެބިސްކޯދުތައް ކެއުމަށްފަހު އެކެއި ފަސިންޖަރުން ބޯއަނބުރާ ގޮތްވެ ހޭނެތުނެވެ. އެއަށްފަހު އެމީހުން އަތުގައި ހުރި ގަހަނާއާއި ފައިސާ ފޭރިގެން އެ ފިރިހެން ކުދިން ވަނީ ފިލާފައެވެ. ރޭލުގައި ތިބި ބައެއް މީހުންނަށް އެކަން އެނގިގެން ނެއްލޫރު ޑިސްޓްރިކްޓްގެ ގުދުރް ސްޓޭޝަނަށް ރޭލު މަޑުކުރުމުން ފަސިންޖަރުންވަނީ ރޭލްވޭ ޕޮލިހުންނަށް އެ މައްސަލަ ހުށަހަޅާފައެވެ. ހޭނެތިފައިވާ ފަރާތްތައް އެ އަވަށުގެ ހޮސްޕިޓަލަކަށް ގެންގޮސް ވަނީ އެޑްމިޑް ކުރެވިފައެވެ. އޭގެ ތެރެއިން 6 މީހެއްގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލްއިން މަޢުލޫމާތު ދެއެވެ،

ވީގޮތް ބެލުމަށްޓަކައި ރޭލު ނައްޓާލި ސްޓޭޝަންގެ ސީ.ސީ.ޓީވީ ކެމެރާ ތަކުގެ ފުޓޭޖް ބަލަމުންދާ ކަމަށާއި ރޭލުގައި ދަތުރު ކުރި މީހުންނާއި ސުވާލުކޮށް މަޢުލޫމާތު އެއްކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެގޮތުން އެމީހުން ރޭލަށް އަރާފައިވަނީ ވައްކަން ކޮށް ލޫޓުވުގެ ބޭނުމުގައިތޯއާއި ނުވަތަ އެއީ މަޖަލަކަށް ކުރި ކަމެއްތޯ ބަލަމުންދާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.

ކާއެއްޗެހީގެ ސާމްޕަލް ފުލުހުން ވަނީ ތަޙުލީލު ކުރުމަށް ފޮނުވާފައެވެ.

މިފަދަ ފޭރުމުގެ ޢަމަލު ތަކަކީ ރޭލުތަކުގައި މަދުން ހިނގާ ކަންތަކެއް ނޫނެވެ. ދިވެހިންގެ ތެރޭގައިވެސް އިންޑިއާ ފަދަ ޤައުމުތަކުގައި ރޭލުގައި ދަތުރު ކުރާ މީހުން މަދެއް ނޫނެވެ. އެހެން ކަމުން މިފަދަ ކަންތަކަށް ސަމާލު ވުމަކީ ވަރަށް މުހިއްމުކަމެކެވެ. ރޭލުގައި ދަތުރު ކުރަމުން ދާއިރު ގޮތްނޭނގޭ މީހުން ދޭ ކާއެއްޗެއްސަށް ސަމާލުކަންދޭން ޖެހެއެވެ.